ބޮލީވުޑް

ކަރީނާ އޯޓީޓީ ޕްލެޓްފޯމަށް ތައާރަފްވަނީ

ބޮލީވުޑް ތަރި ކަރީނާ ކަޕޫރު އޭނާގެ ފުރަތަމަ ވެބް ޕްރޮޖެކްޓް ކުޅެން ތައްޔާރުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ކަރީނާ ވަނީ މިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ކަރީނާ ބުނެފައިވާ ގޮތުގައި އޭނާގެ ފުރަތަމަ އޯޓީޓީ ޕްލެޓްފޯމް ޕްރޮޖެކްޓަކީ ނެޓްފްލިކްސް އަށް ތައްޔާރުކުރާ އެއްޗެކެވެ. މިއީ ޖަޕާން ލިޔުންތެރިޔާ ކީގޯ ހިގާޝީނޯގެ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް"ގެ އެޑަޕްޓޭޝަން އެއް ކަމަށާއި ޑައިރެކްޓަރަކީ ސުޖޯއީ ގޯޝް ކަމަށް ވެސް ކަރީނާ ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓްގައި ކަރީނާ އާއެކު މަސައްކަތް ކުރާނީ އޯޓީޓީ ތަރިން ކަމަށްވާ ވިޖޭ ވަރުމާ އާއި ޖައިދީޕް އަހްލަވަތު އެވެ.

ކަރީނާ މި ޚަބަރު ޝެއާކުރީ ދަރިންނާއި ދައްތަ ކަރިޝްމާ އާއެކު ރާއްޖޭގެ ރަށެއްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ހިންދުސްތާން ޓައިމްސް އަށް ކަރީނާ ދީފައިވާ އިންޓަވިއު އެއްގައި ބުނީ މި ޕްރޮޖެކްޓްގައި ބައިވެރިވެވުނީތީ އުފާވާ ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ.

"ފުރަތަމަ ކަމަކީ މިއީ އަހަރެން އޯޓީޓީގެ ދުނިޔެއަށް ތައާރަފްވީ ފިލްމަށް ވާތީ. ދެވަނަ ކަމަކީ މިއީ ދެވަނަ ދަރިފުޅު ޖޭ ވިހެއުމަށްފަހު އަހަރެން ފުރަތަމަ ފަހަރަށް ފިލްމެއްގައި ބައިވެރިވާ ފަހަރު ކަމަށް ވާތީ. އަދި ތިންވަނަ ކަމަކީ ފިލްމުގައި އަހަންނާ އެކު ބައިވެރިވަނީ ވަރަށް ހުނަރުވެރި މޮޅު އެކްޓަރުން ތަކަކަށް ވާތީ،" ކަރީނާ ބުންޏެވެ.

ކަރީނާ ދެވަނަ ދަރިފުޅު ވިހާފައިވަނީ 2021ގެ ފެބްރުއަރީގަ އެވެ. އޭގެ ފަހުން އަދި އޭނާ އެއްވެސް ފިލްމީ މަސައްކަތެއް ނުކުރެ އެވެ.

ކަރީނާގެ އޯޓީޓީ ޕްލެޓްފޯމް ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ.

ކަރީނާ ބަނޑުބޮޑުއިރު ނިންމި ފިލްމެއް އަދި ރިލީޒްނުވެ އެބައޮތެވެ. އެއީ އާމިރު ޚާނާއެކު ކުޅެފައިވާ "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.