ބޮލީވުޑް

"ޕޫ" ބޮޑުވެގެން ފިލްމު ކުޅެނީ

މަލްވިކާ ރާޖް ގިނަ މީހުން ދަންނަނީ ކަރަން ޖޯހަރްގެ "ކަބީ ޚުޝީ ކަބީ ޣަމް" (ކޭ3ޖީ) ގައި ކަރީނާ ކަޕޫރުގެ ކެރެކްޓާ "ޕޫ" ގެ ކުޑައިރުގެ ރޯލު ކުޅުނު ކުޑަ ކުއްޖާގެ ގޮތުގަ އެވެ. މިހާރު "ކުޑަ ކުޑަ ޕޫ" ބޮޑުވެ ފިލްމީ ދުނިޔެއަށް ނުކުންނަން ވަނީ ތައްޔާރުވެފަ އެވެ. ނަމަވެސް މަލްވިކާގެ ފުރަތަމަ ފިލްމަކީ ބޮލީވުޑް ފިލްމެއް ނޫނެވެ. އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ޒީ5 ގެ އާ ފިލްމު "ސްކޯޑު" އެވެ.

މިއީ 2001 ގައި "ކަބީ ޚުޝީ ކަބީ ޣަމް" ކުޅުނު ފަހުން މަލްވިކާ ކުޅޭ ފުރަތަމަ ހިންދި ފިލްމެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ބައެއް ލަވަތަކުގައި ހަރަކާތްތެރިވެފަ އެވެ. އަދި "ޖަޔަދޭވް" ކިޔާ ތެލުގޫ ފިލްމެއް ވެސް މަލްވިކާ ކުޅެފައި ވެއެވެ. ކަރީނާގެ ކުޑައިރުގެ ރޯލު ކުޅެފައި ސްކްރީނުން މަލްވިކާ މުޅިން ގެއްލިފައި އެތައް އަހަރެއް ފާއިތުވީ ސަބަބު އޭނާގެ އިންޓަވިއު އެއްގައި ކިޔައިދިނެވެ.

މަލްވިކާ ބުނި ގޮތުގައި "ކަބީ ޚުޝީ ކަބީ ޣަމް" ކުޅުނުއިރު އޭނާއަކީ ވަރަށް ލާނެއް، ކުޑަ ކުއްޖެކެވެ.

"ބައްޕަ ބޭނުމެއް ނުވި އަހަރެން އިތުރަށް ފިލްމުތަކުގައި އެކްޓް ކުރާކަށް. އެއީ އަހަރެންގެ ކިޔެވުމަށް ހުރަސް އެޅޭނެ ކަމެއްގެ ގޮތުގައި ބައްޕަ ގަބޫލުކުރީ. ޗައިލްޑް އެކްޓަރެއްގެ ގޮތުގައި ފިލްމުތަކުގައި މަސައްކަތްކުރަން އެ ދުވަސްވަރު ވަރަށް ގިނަ ފުރުސަތުތައް ލިބުނު. އެކަމަކު ބައްޕަ އެއްބަސް ނުވެގެން އެ ރޯލުތައް ނުކުޅެވުނީ،" މަލްވިކާ ބުންޏެވެ.

ޑިގްރީ ފުރިހަމަ ކުރުމަށް ފަހު އެކްޓް ކުރުމާ ބައްޕަ ދެކޮޅު ނޫން ކަމަށާއި އެހެންވެ އަލުން އެ ރޮނގުން ކުރިޔަށް ދާން ގަސްތުކުރީ ކަމަށް މަލްވިކާ ބުންޏެވެ.

މަލްވިކާ ވަނީ "ސްކޯޑު" ގެ ފުރަތަމަ ޕޯސްޓަރު އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. މި ޕޯސްޓަރުގައި މަލްވިކާ ފެންނަނީ ކޮމާންޑޯއެއްގެ ގޮތުގަ އެވެ. މި ފިލްމުގެ ވާހަކަ އެންމެ ގަދަޔަށް ދެކެވެނީ މިއީ ކުރީގެ މަޝްހޫރު އެކްޓަރު ޑެނީ ޑެންޒޮޕާގެ ދަރިފުޅު ރިންޒިންގް ގެ ފުރަތަމަ ފިލްމުގެ ގޮތުގަ އެވެ.

"މިފަހަރު ހަނގުރާމަ ކުރަނީ ގައުމަށްޓަކައެއް ނޫން. ގައުމުގެ އަންހެން ދަރިންނަށް ޓަކައި،" ޕޯސްޓަރު ޝެއާ ކުރަމުން މަލްވިކާ ލިޔެފައި ވެއެވެ.

މަލްވިކާ އިތުރަށް ލިޔެފައިވާ ގޮތުގައި މި ފިލްމުގެ ޕޯސްޓަރު އަންނަ ހޯމަ ދުވަހު ރިލީޒް ކުރާނެ އެވެ.