ކަންގަނާ

ބޮލީވުޑުން ކަންގަނާ ބޮއިކޮޓް ކޮށްފި

ބޮލީވުޑުން ކަންގަނާ ރަނައުތު ބޮއިކޮޓް ކޮށްފި ކަމަށް އޭނާ ބުނެފި އެވެ.

ކަންގަނާ ޑައިރެކްޓް ކޮށްފައިވާ އެންމެ ފަހުގެ ފިލްމު "އެމަޖެންސީ"ގެ ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި އޭނާ ވަނީ ފިލްމު ހެދުމުގައި ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަދައްކާފަ އެވެ.

ކަންގަނާ ބުނީ ފިލްމް އިންޑަސްޓްރީން އޭނާ ބޮއިކޮޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެމަޖެންސީގެ ކާސްޓުންނާއި ކުރޫ މެންބަރުން ވަަރަށް ބޮޑަށް ހިތްވަރު ދިން ކަމަށެވެ. ކަންގަނާ ވަނީ އެ މީހުންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

އާންމުކޮށް އަނގަ ގަދަ ފަންނާނެ ކަމަށްވާ ކަންގަނާ ބުނީ ކޮންމެ ފިލްމެއް ހެދުމަށްވެސް އުނދަގޫތައް ކުރިމަތިވާ ކަމަށާއި ބޮލީވުޑުން އޭނާ ބޮއިކޮޓްކޮށްފައިވާކަން މިހާރު އެންމެންނަށްވެސް އެނގޭނެ ކަމަށެވެ.

"އެމަޖެންސީ"ގައި ކަންގަނާ ފެންނަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ގޮތުގައެވެ. މިއީ އިންދިރާ ގާންދީގެ ހަޔާތުގެ މައްޗަށް އަދި އޭނާ އިންޑިއާއަށް ކޮށްދީފައިވާ ހިދުމަތްތައް ދައްކުވައިދޭ ފިލްމެކެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް މިފަހުން އިންތިހާބުވެފައިވާ ކަންގަނާގެ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ހަވަނ ދުވަހު އެވެ.