ދާދިފަހުން ޓުވިޓާގެ ސީއީއޯ އީލޯން މަސްކް ބުނެފައިވާ ވާހަކައަކަށް ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތު ވަރަށް ބޮޑަށް ތާއީދުކޮށް ތައުރީފުކޮށްފި އެވެ.
ކަންގަނާ ބުދަ ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވާ ގޮތުގައި "އަހަރެން ހިތަށް އެރި އެއްޗެއް އަހަރެން ބުނާނީ"އޭ ބުނެ މަސްކް ކޮށްފައިވާ ކޮމެންޓަކަށް ތާއީދުކޮށްފައި ވެއެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާގެ އަނގަ ގަދަކަމުން ވަތަނާ ދެކޮޅު މީހުންގެ ވާހަކަ ދައްކާތީ އޭނާއަށް ލިބިފައިވާ 25 އަށް ވުރެ ގިނަ ބްރޭންޑް އެންޑޯސްމަންޓްތައް ގެއްލިއްޖެ ކަމަށެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ޕްރޮޖެކްޓެއް އޭނާ އަތުން ބީވެ އަހަރަކު 30-40 ކްރޯޑުގެ ގެއްލުމެއް ވަމުންދާ ކަމަށްވެސް ކަންގަނާ ބުނެފައި ވެއެވެ.
"ނަމަވެސް އަހަރެންނަކީ މިނިވަނެއް. އަހަރެން ބުނަން ބުނުން ނުހުއްޓުވޭނެ. ބޮޑެތި ކުންފުނިތަކާއި އެ ކުންފުނިތަކުން އުފައްދާ ބްރޭންޑްތަކުގައި އިސްކޮށް މަސައްކަތްކުރާ މީހުންނަކަށްވެސް އަހަރެންގެ އަނގަ ބަންދެއް ނުކުރެވޭނެ. އިންޑިއާއާ ދެކޮޅު މީހުންނާ ދެކޮޅަށް އަހަރެން ވާހަކަ ދައްކާނަން،" ކަންގަނާ ބުންޏެވެ.
ކަންގަނާ އަކީ އީލޯން މަސްކްގެ ފޭނެއްގެ ގޮތުގައި އަބަދުވެސް ބެލެވެ އެވެ. އަދި މިދިޔަ އަހަރުއްސުރެ މަސްކް ކުރާ އެކި އެކި ޓުވީޓްތަކަށް އޭނާ ތައުރީފުކޮށް އެ ވާހަކަތައް ދައްކަމުން ދެއެވެ. އީލޯން މަސްކް އަކީ ވެސް ކަންގަނާ ގޮތަށް މީހުން ރުޅިއެރުވުމުގައި ވަރަށް ކުރީގައި އުޅޭ މީހެކެވެ.
ކަންގަނާގެ އަނގަޔާ ހެދި އޭނާއާއެކު ބޮލީވުޑްގެ ގިނަ ފަންނާނުން މަސައްކަތް ކުރަން ޖެހިލުން ވެއެވެ. އަދި މިހާރު ކަންގަނާ ކުޅޭ ގިނަ ފިލްމުތަކަކީ އޭނާ އަމިއްލައަށް އުފައްދާ ފިލްމުތަކާއި އިންޑަސްޓްރީގައި ތިބި އޭނާގެ މަދު އެކުވެރިންގެ ފިލްމުތަކެވެ.
ކަންގަނާ އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ޑައިރެކްޓަރު ޕީ. ވާސޫގެ "ޗަންދުރަމުކީ 2" އިންނެވެ. އަދި "މަނިކަރްނިކާ ރިޓާންސް: ދަ ލެޖެންޑް އޮފް ޑިޑާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އޭނާ އެބަކުރެ އެވެ. އަދި "އިމަޖެންސީ" ކިޔާ ފިލްމެއް ވެސް ކަންގަނާ ދަނީ ކުޅެމުންނެވެ. މި ފިލްމުގައި ކަންގަނާ ކުޅެނީ އެއާ ފޯސް ޕައިލެޓެއްގެ ރޯލެވެ.