ފިނިޕޭޖް

އިންސްޓަގްރާމުން ވެސް ބޭރު ކުރާނެ: ކަންގަނާ

ކަންގަނާ ރަނާވަތުގެ ޓުވިޓާ އެކައުންޓް ދާދި ފަހުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭނާ ޓުވީޓް ކުރި ސިޔާސީ މެސެޖުތަކެއްގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކަކާ ގުޅިގެން ޓުވިޓާއިން އަބަދަށްޓަކައި ކަންގަނާ ބޭރު ކޮށްލީ އެވެ.

ކަންގަނާ މިކަމަށް ޖޯކު ޖަހައި މިހާރު ބުނަނީ ދާދި އަވަހަށް އޭނާ އިންސްޓަގްރާމުން ވެސް ބޭރު ކުރާނެ ކަމަށް ހީވާ ކަމަށެވެ. އޭނާ މިހެން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކޮވިޑް ނައްތާލާނެ ކަމަށް ބުނެ އިންސްޓަގްރާމްގައި ކަންގަނާ ޝެއާ ކުރި ޕޯސްޓެއް އިންސްޓަގްރާމުން ފޮހެލުމާ ގުޅިގެންނެވެ.

މި ޕޯސްޓުގައި ކަންގަނާ ބުނެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ގޭގައި ކަރަންޓީނު ވެގެން ކުރި ކަމަށެވެ. އަދި ކޮވިޑްގެ ދުވަސް ދުއްވާލާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"ކޮވިޑް ޖެހުމަކުން އަހަންނަކަށް މާ ބޮޑުވަރެއް ނުވޭ. ވަރުބަލިވެ ގައިގައި ވަރެއް ނެތް. ފާއިތުވީ ދެތިން ދުވަހަކު ލޯ ވަރަށް ކަރާ. އަނެއްހެން ދެން ހީވަނީ ހަމަ އާދައިގެ އަރިދަފުސް ރޯގާއެއް ޖެހިގެން އުޅޭހެން،" ކަންގަނާ އިތުރަށް ލިޔެފައި ވެއެވެ.

ކަންގަނާ އަކީ ބޮލީވުޑް ތަރިންގެ ތެރެއިން އަނގަ ގަދަކަމުން އެންމެ ގިނަ މައްސަލަތައް މިހާތަނަށް ކުރިމަތިވެފައިވާ ބަތަލާ އެވެ. ސޯޝަލް މީޑިއާގައި މީހުންނާ ދިމާލަށް ހިތަށް އެރިހާ އެއްޗެއް ގޮވާތީ އިންޑަސްޓްރީގެ ގިނަ ބަޔަކު ކަންގަނާ ދެކެ ރުޅި އައުމުގެ އިތުރުން ސިޔާސީ ބައެއް މީހުން ވެސް ކަންގަނާ ދެކެ ވަނީ އިންތިހާއަށް ރުޅިއައިސްފަ އެވެ.

އަދި ކަންގަނާގެ އެއްޗެތި ގޮވުން އަމާޒުވާ އެކްޓަރުންގެ ފޭނުން ވެސް ވަނީ ކަންގަނާ ދެކެ އިންތިހާއަށް ރުޅިގަދަވެފަ އެވެ. އެހެންވެ އޭނާއަށް ކޮވިޑް-19 ޖެހުނުކަމަށް ބުނުމުން ވެސް އެކަމާ ހަމްދަރުދީ ވުމުގެ ބަދަލުގައި ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހައި މީމްތައް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި ވަރަށް މަޖާ ނެގި އެވެ.