ފިނިޕޭޖް

ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރުމުން ކަންގަނާ ރުޅިގަދަވެއްޖެ

ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތުގެ ޓުވިޓާ އެކައުންޓް މުޅި އުމުރަށް ސަސްޕެންޑް ކޮށްފި އެވެ. އަންގާރަ ދުވަހު ހެނދުނު ކަންގަނާގެ އެކައުންޓް ސަސްޕެންޑް ކުރީ ވެސްޓް ބެންގާލްގައި ބޭއްވި އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ ކަމަށް ބުނެ ކަންގަނާ ޓުވީޓްކުރި ވީޑިއޯ މެސެޖަކާ ގުޅިގެންނެވެ.

މި މެސެޖުގައި ކަންގަނާ ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކަ ތަކަކީ ޓުވިޓާ ބޭނުން ކުރުމުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށާއި ނަފްރަތު އުފެދޭ ކަހަލަ ޓުވީޓުތައް އެއްވެސް މީހަކަށް ކުރުމުގެ ހައްގު ނޯންނާނެ ކަމަކަށް ކަންގަނާގެ އެކައުންޓް ސަސްޕެންޑް ކުރުމަށް ފަހު ޓުވިޓާ އިންބުނެފައި ވެއެވެ.

އެކައުންޓް ސަސްޕެންޑް ކުރުމާ ގުޅިގެން ކަންގަނާއަށް ތިން މިލިއަން ފޮލޯވާޒް ވަނީ ގެއްލިފަ އެވެ.

ކަންގަނާގެ އެކައުންޓް ސަސްޕެންޑް ކުރުމުން ޓުވިޓާގައި އިންޑިޔާ މީހުން ވަނީ ވަރަށް މަޖާ ޖޯކުތަކާއި މީމްސްތައް ޝެއާކޮށް މިކަމާ ވަރަށް އުފާކޮށް މަޖާ ނަގާފަ އެވެ.

ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރުން ކަންގަނާ ސިފަ ކުރަނީ "ޑިމޮކްރަސީ މަރުވުން" ކަމަށެވެ.

އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި ކަންގަނާ ބުނީ ޓުވިޓާއަކީ އެމެރިކާގައި އުފަންވި އެމެރިކާ އެއްޗެއް ކަމަށް އޭނާ އަބަދުވެސް ބުނާ ކަމަށާއި އެކަން ޓުވިޓާ އިން ސާބިތު ކޮށްދީފި ކަމަށެވެ. މިއީ ދޮން ނަސްލުގެ މީހުން ކަޅު ނަސްލުގެ މީހުން އަޅުވެތިކުރަން ކުރާ ކަންކަން ކަމަށް އޭނާ ސިފަ ކުރި އެވެ.

ކަންގަނާ އިތުރަށް ބުނީ އޭނާގެ އަޑު އިއްވާނެ ވަރަށް ގިނަ ޕްލެޓްފޯމްތައް ޓުވިޓާ ނޫނަސް އެބަހުރި ކަމަށެވެ. ކަންގަނާގެ ދައްތަ ރަންގޯލީ ޗަންޑެލް ވެސް ޓުވިޓާގައި މީހުންނާ ދިމާލަށް ހިތަށް އެރިހާ އެއްޗެއް ގޮވަމުން ދަނިކޮށް ޓުވިޓާއިން އޭނާގެ އެކައުންޓްވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.