ކަންގަނާ

ކަންގަނާ އާއި ތާޕްސީ ސުލްހަވެރިވީތަ؟

ހިނގަމުންދާ 2021 ވަނަ އަހަރަކީ ހައިރާންވާ ކަހަލަ ކަންތައްތަކުން ފުރިގެންވާ އަހަރެކެވެ. ބޮލީވުޑް ތަރިން ކަމަށްވާ ކަންގަނާ ރަނާވަތު އާއި ތާޕްސީ ޕަންނޫގެ މެދުގައި ހިނގަމުންދިޔަ ބަހުގެ ހަމަލަތައް ހުއްޓާލައި ދެ މީހުން ސުލްހަ ގާއިމް ކުރުމަކީ ވެސް ކިހާ ބޮޑު ސަޕްރައިޒެއް ހެއްޔެވެ؟

މި ދެ ބަތަލާއިންގެ މެދުގައި އޮތް ބަހުގެ ހަނގުރާމައަށް ނިމުމެއް އައިކަމަށް ރަސްމިކޮށް އެކަކުވެސް ނުބުނެ އެވެ. ނަމަވެސް ދެ ބަތަލާ އިން ވަނީ އެމީހުން ކުރިން ބަހުގެ ހަމަލާތައް ފޮނުވަމުންދިޔަ ގޮތާ ތަފާތު ގޮތަކަށް އަމަލުކޮށް އެކަކު އަނެކަކަށް ސޯޝަލް މީޑިއާގައި ތައުރީފުކޮށްފަ އެވެ. މިއީ ފާއިތުވީ އެތައް އަހަރަކުއްސުރެ ބަހުގެ ހަމަލަތައް ބަދަލުކުރަމުންދިޔަ ދެ ތަރިންގެ ފަރާތުން ފެނުނު ތަފާތު ކަމެކެވެ.

ކަންގަނާ އާއި ތާޕްސީގެ މެދުގައި އޮތް ރުޅިވެރިކަން އެއްފަރާތްކޮށްފިކަމުގެ ނިޝާންތައް ފެނުނީ ތާޕްސީ އަށް ދާދިފަހުން ލިބުނު ފިލްމުފެއާ އެވޯޑާ ގުޅިގެންނެވެ. "ތައްޕަޅު" ކުޅެން ތާޕްސީ އަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑު ބަލާ ގޮސް ތާޕްސީ ވަނީ ކަންގަނާ އަށް ޝުކުރު އަދާކޮށްފަ އެވެ.

ތާޕްސީ ކަންގަނާ އަށް ތައުރީފުކުރީ ކަންގަނާގެ ހުނަރުވެރިކަމުން އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރުގެ ފެންވަރު މައްޗަށް ޖެހިފައިވާ ކަމަށް ބުނެ އެވެ.

"ބައުންޑަރީތައް ގިރާކޮށް ތިބާގެ ޕާފޯމަންސްތަކުން ބެންޗުމާކުތައް ކަނޑައަޅާ އަހަރަކަށް ވުރެ އަހަރެއް ފެންވަރު މަތިކުރަމުންދާތީ ކަންގަނާ އަށް ޝުކުރު އަދާކުރަން،" ތާޕްސީ ފިލްމުފެއާ އެވޯޑާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ބުންޏެވެ.

ޓުވިޓާގައި މީހަކު ވަނީ ތާޕްސީ ކަންގަނާ އަށް ޝުކުރު އަދާކުރާ ވީޑިއޯ ކަންގަނާއަށް ޓެގްކޮށްފައި ވަރަށް މަލާމާތުގެ މެސެޖަކާ އެކު ޝެއާ ކޮށްފަ އެވެ. މި މެސެޖަށް ކަންގަނާ ޖަވާބު ދީފާނެކަމަށް އެއްވެސް މީހަކު ހިޔެއް ނުކުރެ އެވެ. އެހެންވެ އޭނާ ޖަވާބުދިނުމުން އެންމެންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.

ތާޕްސީ ޓެގްކޮށް ކަންގަނާ ޝެއާކުރި މެސެޖުގައި ތާޕްސީ އަށް ޝުކުރު އަދާކޮށް އަދި އެ އެވޯޑު ތާޕްސީއަށް ވުރެ ހައްގު އެއްވެސް މީހަކު ނެތް ކަމަށް ބުނެފައި ވެއެވެ. ތާޕްސީ އަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑަށް ނޮމިނޭޓްވީ ބަތަލާއިންގެ ތެރޭގައި ޚުދް ކަންގަނާ ވެސް ހިމެނެ އެވެ. ކަންގަނާ ނޮމިނޭޓްވެފައިވަނީ "ޕަންގާ' އިންނެވެ. ފިލްމުފެއާ އެވޯޑު ނުލިބުނަސް "ޕަންގާ" އާއި "މަނީކަރްނީކާ: ކުއީން އޮފް ޖާންސީ" ކުޅެގެން ނެޝަނަލް އެވޯޑު ކަންގަނާ އަށް ވަނީ ލިބިފަ އެވެ.

މި ދެ ތަރިންގެ މި މެސެޖުތައް އެމީހުންގެ ފޭނުންނަކަށް ހަޖަމެއް ނުވި އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް މިކަމާ ގުޅިގެން ތަފާތު މަލާމާތުގެ މެސެޖުތައް ދަނީ ފޮނުވަމުންނެވެ.