ފިނިޕޭޖް

ޝާހްރުކް އާއެކު ފިލްމެއް ކުޅެން ލިބުނުކަމެއް ނޭނގޭ: ތާޕްސީ

ޝާހްރުކް ޚާން އަލަށް ފަށަން އުޅޭ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމުގެ ބަތަލާއަކަށް ތާޕްސީ ޕަންނޫ ހަމަޖެހިފައިވާ ކަމަށް ދާދިފަހުން އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. ނަމަވެސް ތާޕްސީ ބުނާ ގޮތުގައި އޭނާއަކަށް އެކަމެއް އަދި އެނގިފައެއް ނެތެވެ.

"އެފަދަ ކަމެއް ވެއްޖިއްޔާ އެންމެ ބާރަށް އެހެން ގޮވާ ހަޅޭއްލަވާ މީހަކަށް ވާނީ އަހަރެން،" ތާޕްސީ ބުންޏެވެ.

ތާޕްސީގެ އާ ފިލްމު "ހަސީން ދިލްރުބާ" މިއަދުން ފެށިގެން ނެޓްފްލިކްސް އިން ބަލައިލެވޭނެ އެވެ. ވިނިލް މެތިއު ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ރޮމެންޓިކް-ތުރިލާ އެކެވެ. ފިލްމުގެ ބަތަލުންނަކީ ވިކްރާންތު މެސީ އާއި ހަރްޝްވަރްދަން ރާނޭ އެވެ.

މި ފިލްމުގައި ތާޕްސީ ކުޅެނީ ފިރިމީހާ މަރާލިކަމުގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރަމުންދާ އަންހެނެއް ކަމަށްވާ ރާނީ ކަޝޭޕްގެ ރޯލެވެ.

އިންޑިޔާގެ އޮންލައިން ނޫހަކާ ވާހަކަ ދައްކަމުން ތާޕްސީ ބުނީ ހިރާނީގެ ފިލްމެއް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައެއް ނެތެވެ.
އެފަދަ ފިލްމެއް ލިބިފައި އޮތްނަމަ ސިއްރު ކުރުމުގެ މާނައެއް ނެތް ކަމަށާއި އޭނާ އެ ވާހަކަ ހަރުއަޑުން އެންމެން ކައިރީގައި ދައްކާނެ ކަމަށް ތާޕްސީގެ އިންޓަވިއުގައި ބުންޏެވެ.

ނަމަވެސް ކުޅޭނެ ފިލްމުތައް ޚިޔާރު ކުރުމުގައި ވަރަށް ބޮޑަށް ސްކްރިޕްޓަށް ބަލައި އޭނާއަށް ޕާފޯމް ކުރެވޭ ކަހަލަ ރޯލުތަކަށް އިސްކަން ދޭ ކަމަށް ތާޕްސީ ބުންޏެވެ.

"ރަނގަޅު ސްކްރިޕްޓެއް ވެއްޖިއްޔާ އަހަރެން ދޫކޮށެއް ނުލާނަން. އެއީ ތަންކޮޅެއް އިތުރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނަސް މައްސަލައެއް ނެތް،" ތާޕްސީ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ކުރިން އެހާ ރަނގަޅު ސްކްރިޕްޓްތައް ނުލިބޭތީ ލިބޭ ސްކްރިޕްޓްތަކުން އޭނާއަށް ކިރިޔާ ވެސް ހިތްހަމަޖެހޭ ކަހަލަ ފިލްމުތައް ޚިޔާރުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އޭނާއަކީ ފިލްމު އިންޑަސްޓްރިންނާއި ބެލުންތެރިންގެ ސަޕޯޓު ލިބިފައިވާ ބަތަލާއަކަށް ވާތީ ބޭނުން ވައްތަރެއްގެ ސްކްރިޕްޓެއް ޚިޔާރުކުރަން ލިބޭ ކަމަށް ތާޕްސީ ބުންޏެވެ.

ތާޕްސީ މިހާރު ވެސް ގިނަ ފިލްމުތަކެއްގެ މަސައްކަތް އެބަ ކުރެ އެވެ. އޭގެ ތެރޭގައި "ރަޝްމީ ރޮކެޓް"، "ލޫޕް ލަޕޭޓާ"، "ދޯބާރާ"، "ޝަބާޝް މީތޫ" އަދި "ޖާނާ ގާނާ މާނާ،" ހިމެނެ އެވެ.