ބޮލީވުޑް

ޝާހާއެކު ހިރާނީ އުފައްދާ ފިލްމުގައި ތާޕްސީ ޕަންނޫ؟

ތާޕްސީ ޕަންނޫ އަކީ ޒުވާން ބަތަލާއެއް ނަމަވެސް ހުނަރުގެ ގޮތުން ބަލާއިރު ވަރަށް ކުރީގައި އުޅޭ އެކްޓަރެކެވެ. "ޕިންކް" އާއި "ބަދުލާ"، "މަންމަރްޒިޔާން"، ސާންޑް ކީ އާންކް" އަދި "ތައްޕަޅް" ފަދަ ފިލްމުތަކުން ތާޕްސީ ވަނީ އޭނާ ވަރުގެ ބަތަލާއެއް މަދުން ނޫނީ ނުފެންނާނެ ކަން ސާބިތު ކޮށްދީފަ އެވެ. އޭނާގެ އަތުގައި ވަރަށް ރަނގަޅު ގިނަ ފިލްމުތަކެއް މިހާރުވެސް އެބަހުއްޓެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން އަންގާރަ ދުވަހު ބުނެފައިވާ ގޮތުގައި ޑައިރެކްޓަރު ރާޖް ކުމާޜު ހިރާނީގެ ޝާހްރުކް ޚާން ބަތަލުގެ ބައި ކުޅޭ ފިލްމުގެ ބަތަލާއަކަށް ތާޕްސީ ޕަންނޫ ހަމަޖެއްސުމުގެ މަޝްވަރާތައް މިހާރު ކުރިއަށް އެބަދެއެވެ.

މި ފިލްމު ކުޅެން ތާޕްސީ ސޮއިކޮށްފިނަމަ މިއީ އޭނާގެ ފިލްމީ ކެރިއަރުގެ އެންމެ ބޮޑު ޕްރޮޖެކްޓަށް ވާނެކަން ޔަގީނެވެ.
ތާޕްސީގެ "ބަދްލާ" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި "ރެޑް ޗިލީޒް އެންޓަޓައިންމަންޓުން" ޕްރޮޑީއުސްކުރި ފިލްމެކެވެ. ނަމަވެސް މިހާތަނަށް ޝާހްރުކް އާއެކު ފިލްމެއް ކުޅެލުމުގެ ފުރުސަތު ތާޕްސީ އަށް ލިބިފައެއް ނެތެވެ.

ހިރާނީގެ ފިލްމުގެ ސްކްރިޕްޓް ފައިނަލްކޮށް މިހާރު ވަނީ ނިމިފަ އެވެ. ފިލްމުގައި ބައިވެރިވާނެ އެކްޓަރުން ހޮވުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް ޚަބަރުތައް ބުނެ އެވެ.

ޝާހްރުކް މި ފިލްމުގެ މަސައްކަތް ފަށަން މިހާރު ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. އެއީ ޔާޝްރާޖް ފިލްމްސްގެ "ޕަޓާން"ގެ މަސައްކަތް ނިންމާފަ އެވެ.