ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަކީ ހިންދީ ފިލްމު އުފައްދާ މީހުންގެ ތެރެއިން އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރެވެ. "ތުރީ އިޑިއަޓްސް" އާއި "މުންނާބާއީ" ސީރީޒްގެ ފިލްމުތައް މިކަމަށް ހެކިވާނެ އެވެ. މިހާތަނަށް އާމިރު ޚާނާއި ސަންޖޭ ދަތު ފަދަ ބަތަލުން ހިރާނީ އާއެކު މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ހިރާނީގެ ފިލްމެއްގައި ޝާހްރުކް ބައިވެރިވެފައެއް ނެތެވެ.
ޝާހްރުކް އެންމެ ފަހުން ކުޅުނު ދެ ފިލްމަށް ލިބުނު ނާކާމިޔާބުން ލިބުނު މާޔޫސްކަމާއެކު އޭނާ ވަނީ ފިލްމު ކުޅުމުން ކުޑަ ބްރޭކެއް ނަގާފަ އެވެ. ކެރިއަރުގެ މިހިސާބުން ދެން ކަންތައް ކުރަންވީ ގޮތެއް ނިންމުމަށެވެ. އޭނާއަށް ދެން ކުޅެން ރަނގަޅު ވާނީ ކޮން ކަހަލަ ފިލްމުތަކެއްތޯ އާއި ކެރިއަރު އަލުން ހަމަ މަގަށް އެޅުވޭނީ ކޮން ކަހަލަ ސްކްރިޕްޓްތަކެއް ޚިޔާރު ކޮށްގެންތޯ ވިސްނުމަށެވެ.
މި ވިސްނި ވިސްނުމުން ޝާހްރުކް އަށް ޔަގީންވީ ހިރާނީ ކަހަލަ މޮޅު ޑައިރެކްޓަރެއްގެ ފިލްމަކުން އެހެންޏާ ނުކުޅޭ ކަހަލަ ތަފާތު ރޯލަކުން އޭނާ އެނބުރި އައުން ފާހަގަ ކުރުން ބުއްދިވެރި ކަމަށެވެ. އެގޮތުން ހިރާނީ އާ ގުޅިގެން ފިލްމެއް އުފެއްދުމުގެ މަސައްކަތް ޝާހްރުކް ފެށި އެވެ. ކުރިން ހަމަޖެހިފައި އޮތީ މި ފިލްމުގެ މަސައްކަތް 2019 ގައި ފަށާ ގޮތަށެވެ. ނަމަވެސް ފިލްމުގެ ސްކްރިޕްޓް ތައްޔާރު ނުކުރެވޭތީ ފެށޭ ގޮތް ނުވީ އެވެ. އެހެންވެ ޝާހްރުކް މިހާރު ވަނީ ޔާޝްރާޖް ފިލްމްސްގެ "ޕަޓާން" އަކީ އޭނާ މިފަހަރު ކުޅޭ ފުރަތަމަ ފިލްމަށް ހެދުމަށް ނިންމާފަ އެވެ. ހިރާނީގެ ފިލްމުގެ މަސައްކަތް "ޕަޓާން" ނިމުމުން ފަށާ ގޮތަށެވެ.
"ޕަޓާން"ގައި ޝާހްރުކް އާއެކު ބައިވެރިވަނީ ޖޯން އެބްރަހަމް އާއި ދީޕިކާ ޕަދުކޯން އެވެ.
ހިރާނީ އުފައްދަން އުޅޭ ޝާހްރުކް ލީޑް ރޯލު ކުޅޭ ފިލްމަކީ ކެނެޑާ އާއި އިންޑިޔާގެ ޕަންޖާބުގެ އިމިގްރޭޝަން ކަންތައްތަކަކަށް ބިނާ ކޮށްފައިވާ ސޯޝަލް ކޮމެޑީ ފިލްމެކެވެ.
ޝާހްރުކް އާއި ހިރާނީގެ ފިލްމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު އިންޑިޔާގެ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި ޝާހްރުކްގެ "ޒީރޯ" ރިލީޒް ވުމުގެ ކުރިއްސުރެ އެ ދެ ފަންނާނުން އެކުގައި އެއް ފިލްމެއްގައި މަސައްކަތްކުރުމުގެ ވާހަކަތަކެއް ދެކެވިފައި ވެއެވެ.
އެގޮތުން ޝާހްރުކް އަށް ހިރާނީ ހުށަހެޅި ފުރަތަމަ ޚިޔާލަކީ "މުންނާބާއީ" ސީރީޒްގެ އިތުރު ފިލްމެއް "މުންނާބާއީ ރިބޫޓް" ގެ ނަމުގައި އުފެއްދުމެވެ. ޝާހްރުކް މުންނާގެ ރޯލަށް އަދި ސާކިޓްގެ ރޯލަށް ވަރުން ދަވަން ލައިގެންނެވެ. ސްކްރިޕްޓްގައި ވަރުން އާއި ޝާހްރުކް އަށް ވަރަށް މޮޅަށް އެކްޓް ކުރެވޭނެ ވަރަށް ފުރިހަމަ ދެ ރޯލު ލިޔެފައި ވެއެވެ. މި މަޝްވަރާތައް ކުރެވިފައި ވަނީ 2019 ގެ ކުރީކޮޅު އެވެ.
ހަމަ އެ ދުވަސްވަރު ސޯނަމް ކަޕޫރުގެ "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ރިލީޒްވެ ފްލޮޕްވި އެވެ. މިއީ "މުންނާބާއީ" ސީރީޒްގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާގެ ފްރެންޗައިސް އެކެވެ. ސޯނަމްގެ ފިލްމުގެ ނާކާމިޔާބާއެކު ވިދޫ ވިނޯދް ޗޯޕްޅާ އާއި ހިރާނީގެ މެދުގައި ކޮންމެވެސް ކަހަލަ މައްސަލަތަކެއް ޖެހި އެ ދެ މީހުން ރުޅިވީ އެވެ. އެއާއެކު "މުންނާބާއީ" ގެ ފިލްމެއް އުފެއްދުމުގެ ފުރުސަތު ހިރާނީ އަށް ގެއްލުނީ އެވެ.
ހިރާނީ އާ މައްސަލަ ޖެހުމުން ވިނޯދް ޗޯޕްޅާ ބޭނުންވީ "މުންނާބާއީ" ފްރެންޗައިސް މުޅިން އާ ޑައިރެކްޓަރަކާއެކު އަލުން ދިރުވާށެވެ. ވީމާ ހިރާނީއަށް އަނެއްކާވެސް މުޅިން އާ ސްކްރިޕްޓެއްގެ މަސައްކަތް ފަށަން މަޖްބޫރުވީ އެވެ. އިމިގްރޭޝަންގެ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއްގެ ވިސްނުން އޭނާއަށް އައިސް އެ މަސައްކަތް ފެށީ މި ސަބަބު ތަކާ ހެދި އެވެ.
ހިރާނީ އުފެއްދި ހުރިހާ ފިލްމެއްގައި ހެން ވަރަށް މަޖާ އަދި މީހުންނާ ވަރަށް ގުޅޭ ޑައިލޯގްތަކާއި ހާދިސާތައް ހިމަނާފައި ހުރެ އެވެ. މިފަހަރުގެ ފިލްމަކީ މީގެ ކުރީގެ ހުރިހާ ފިލްމަކަށް ވުރެ މާ މަޖާ އަދި މާ މޮޅު ފިލްމަކަށް ވާނެކަމަށް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ.
ލިޔުންތެރިޔާ ކަނިކާ ދިލަން އާއެކު ހިރާނީ 2019 ގެ ކޮންމެވެސް ހިސާބަކުން ފެށިގެން މި ސްކްރިޕްޓްގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަދި ފައިނަލް ޑްރާފްޓް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ހިރާނީ އަކީ ސްކްރިޕްޓް ލިޔުމާއި ފިލްމު ފެށުމުގެ ތައްޔާރީތަކަށް ވެސް ވަރަށް ވަގުތު ބޭނުންވާ މީހެކެވެ. ދެ ތިން އަހަރުން އެއްފަހަރު ނޫނީ އޭނާގެ ފިލްމެއް ނުފެންނަނީ މި ސަބަބާ ހުރެ އެވެ.
ޝާހްރުކް ބައިވެރިވާ ފިލްމުގެ މަސައްކަތް ވެސް މިގޮތަށް މާ ބޮޑަށް ލަސްވާތީ އަދިތުޔާ ޗޯޕްޅާ އުފައްދާ ސިދާރްތު އާނަންދު ޑައިރެކްޓްކުރާ "ޕަޓާން" ކުރިޔަށް ގެންދަން ޝާހްރުކް އެއްބަސްވީ އެވެ. އެއީ "ޕަޓާން" ކުޅެ ނިމެންވާއިރަށް ހިރާނީގެ ފިލްމު ފެށޭވަރު ވާނެކަމުގެ އުންމީދުގަ އެވެ.
ހިރާނީ ޑައިރެކްޓްކުރި "މުންނާބާއީ" ސީރީޒްގެ ފުރަތަމަ ފިލްމުގައި ސަންޖޭ ދަތު އަދާކުރި ރޯލު ފުރަތަމަ އޭނާ ހުށަހެޅީ ޝާހްރުކަށެވެ. އެއީ 2001 ގައި ރިލީޒްކުރި "މުންނާބާއީ އެމްބީބީއެސް" އެވެ. މި ފިލްމަކީ އެ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން މީހުން އުންމީދު ނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ލިބުނު ފިލްމަކަށް ވަނީ ވެފަ އެވެ. ޝާހްރުކް މި ފިލްމު ނުކުޅުނީ އޭރު އޭނާ ސޮއިކޮށްފައި ހުރި ފިލްމުތައް ގިނަކަމުން ވަގުތު ނުދެވޭނެތީ އެވެ.
އޭގެ ފަހުން ހިރާނީ އުފެއްދި "ތުރީ އިޑިއަޓްސް" ވެސް އެންމެ ފުރަތަމަ އޭނާ ހުށަހެޅީ ޝާހްރުކަށެވެ. އާމިރަށް ފިލްމު ދިނީ ޝާހްރުކް ގަބޫލު ނުކުރީމަ އެވެ. އެ ފިލްމު ގަބޫލުކުރީ އޭރު "ރާ.ވަން"ގެ މަސައްކަތުގައި ބުރަކޮށް އުޅޭތީ އެވެ. އެންމެ މަޖާ ކަމަކީ ޝާހްރުކް ގަބޫލު ނުކުރި ހިރާނީގެ ކޮންމެ ފިލްމަކީ ވަރަށް މޮޅު ވަރަށް ކާމިޔާބު ފިލްމުތަކަށް ވެފައި ވާތީ އެވެ. އެހެންވެ ކޮންމެހެން ވެސް ހިރާނީ އާއެކު މަސައްކަތްކުރަން މިހާރު ޝާހްރުކް ބޭނުންވަނީ އެވެ.