ބޮލީވުޑް

ޝާހް ރުކަށް "ޑުންކީ" ހާއްސަވާ ސަބަބު

"ޕަޓާން"ގެ ކާމިޔާބުން ޝާހް ރުކް ޚާން ވަނީ އުފަލުން ފޮޅިފަ އެވެ. އަދި ކުރިއަށް ހުރި ފިލްމުތައް ވެސް އެހާ ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ޝާހް ރުކް އުންމީދު ކުރެ އެވެ. ހާއްސަކޮށް އޭނާ މިހާރު ކުޅެމުންދާ "ޑުންކީ" އެވެ.

ޝާހް ރުކް ބުނި ގޮތުގައި "ޑުންކީ" އަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެކެވެ. ޓުވިޓާގައި ފޭނުންނާ ބައްދަލުކުރަން ބޭއްވި #އާސްކްއެސްއާރްކޭ ސެޝަންގައި "ޑުންކީ" ހާއްސަވާ ސަބަބަކީ ކޮބައިތޯ ފޭނަކު ސުވާލުކުރުމުން ޝާހް ރުކް ބުނީ "ރާޖޫ... ރާޖޫ... ރާޖޫ.... އަދި އަބިޖާތު... އަބިޖާތު،" މިހެންނެވެ.

ރާޖޫ އަކީ "ޑުންކީ"ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އެވެ. އަބިޖާތު އަކީ އެ ފިލްމުގެ ވާހަކަ ލިޔުނު ލިޔުންތެރިޔާ އެވެ. ރާޖޫ އާއި އަބިޖާތު ގުޅިގެން މިހާތަނަށް އުފެއްދި ހުރިހާ ފިލްމުތައް ވެސް އާދަޔާހިލާފަށް މޮޅެވެ. އެއީ "މުންނާބާއީ" ސީރީޒްގެ ފިލްމުތަކަށް ވިޔަސް "ތުރީ އިޑިއަޓްސް" ކަމަށް ވިޔަސް އެ ފިލްމެއް ރިލީޒް ކުރި އަހަރެއްގެ އެންމެ މޮޅު ފިލްމުގެ މަގާމު ގެންގޮސްފައިވަނީ އެ ފިލްމުތަކެވެ.

އެހެންވެ ރާޖޫ އާއެކު މަސައްކަތްކުރުމަކީ ބޮލީވުޑްގެ ކޮންމެ ބަތަލެއް އަދި ބަތަލާއެއްގެ ވެސް ހުވަފެނަކަށް ވަނީ ވެފަ އެވެ.

ރާޖޫ އާއެކު މީގެ ކުރިން ގިނަ ފިލްމުތައް ކުޅެފައިވަނީ އާމިރު ޚާނެވެ. "ޑުންކީ" އަކީ ޝާހް ރުކް އާއެކު ރާޖޫ އުފައްދާ ފުރަތަމަ ފިލްމެވެ.

"ޑުންކީ"ގެ ބަތަލާ އަކީ ތާޕްސީ ޕަންނޫ އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ރާޖޫ އާއި ޝާހް ރުކްގެ އަންހެނުން ގޯރީ ޚާނެވެ.

މި ފިލްމުގެ މަސައްކަތް 2022ގެ އެޕްރީލް އިން ފެށީގެން ކުރިޔަށް އެބަދެ އެވެ. ފިލްމުގެ ބައެއް ޝެޑިއުލް ސައޫދީ އަރަބިޔާގައި ފުރިހަމަ ކޮށްފައިވާއިރު ކުރިއަށް އޮތް ޝެޑިއުލްގެ ޝޫޓިންގް އޮންނާނީ އިންޑިޔާގެ ޕަންޖާބުގަ އެވެ.