ބޮލީވުޑް

ޝާހް ރުކްއާއެކު ފިލްމް ކުޅެން ލިބުނީ ހުނަރަށް ބަލާފަ: ތާޕްސީ

ތާޕްސީ ޕަންނޫގެ ފިލްމީ ކެރިއަރު ފެށިތާ 10 އަހަރު ފުރެން ދާއިރު މި އަހަރަކީ އޭނާ ބުނާ ގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ފާހަގަ ކޮށްލެވޭ އަހަރެވެ. ސަބަބަކީ ފާއިތުވީ 10 އަހަރުއްސުރެ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވީ މިއަހަރު ކަމަށް ވާތީ އެވެ. އެއީ ޝާހް ރުކް ޚާނާއެކު ފިލްމެއް ކުޅުމެވެ.

ޝާހް ރުކް މިހާރު ކުޅެމުންދާ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ "ޑުންކީ"ގެ ބަތަލާ އަކީ ތާޕްސީ އެވެ.

ތާޕްސީ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި "ޑޫންކީ" އޭނާއަށް ލިބުނީ އެއްވެސް މީހަކު އޭނާގެ ނަން ހުށަހަޅައިގެނެއް ނޫނެވެ. އޭނާ ފާއިތުވީ ތަނުގައި ކޮށްފައިވާ މަސައްކަތްތައް ހިރާނީ އާއި ޕްރޮޑިއުސަރުންނަށް ފެނިފައި ވާތީ އޭނާގެ ހުނަރާއި ގާބިލްކަމަށް ބަލާފަ އެވެ. އެއްވެސް މީހަކު އޭނާ އެ ފިލްމަށް ނަގާކަށް ޕްރޮޑިއުސަރުން ކައިރިއަކު ނުބުނެ އެވެ.

"އަހަރެންނަށް އަދިވެސް މިއީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ދަތިވޭ. އެހެންވެ ކޮންމެ ދުވަހަކު އަމިއްލަ ގައިގައި ވިކާލާފައި މިއީ ހުވަފެނެއްތޯ ނޫނީ ހަގީގަތެއް ތޯ ޔަގީންކުރަން. އަހަރެން ގަބޫލުކުރާ ގޮތުގައި ޝާހް ރުކް އަކީ ހިންދީ ފިލްމުތަކުގެ އިންޓްރޮޑަކްޝަން. އެހެންވެ އޭނާ އާ ކައިރީގައި ހުރެވުން ވެސް އެއީ ވަރަށް އާދަޔާޚިލާފު އިހްސާސެއް ކުރެވޭ ކަމެއް. އެމީހުންގެ އުންމީދުތަކާ އެއްވަރަށް އަހަރެންނަށް މަސައްކަތް ކުރެވޭނެކަމަށް އުންމީދުކުރަން،" ތާޕްސީ ބުންޏެވެ.

މި އަހަރުގެ ފަހުކޮޅު ޝޫޓިންގް ފަށަން ހަމަޖެހިފައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023ގެ ޑިސެމްބަރު މަހު އެވެ.

ތާޕްސީގެ ދެ ފިލްމެއް މިއަހަރު ތެރޭ ވެސް ރިލީޒްވާން އެބަ އޮތެވެ. އެއީ "ލޫޕް ލަޕޭޓާ" އާއި "މިޝަން އިމްޕޮސިބަލް"އެވެ. އަދި އޭނާ ކުޅެފައިވާ ސުބާޝް މިތޫ ޑައިރެކްޓްކޮށްފައިވާ ފިލްމެއް މި މަހުގެ 15 ގައި ރިލީޒްކުރަން ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ވެސް ތަމަޅަ ދެ ފިލްމަކާއި ޑައިރެކްޓަރު އަނުރާގް ކަޝޭޕްގެ "ދޯބާރާ"، ހޮރޯ-ތުރިލާ "ބްލާ" އަދި "ވޯ ލަޅްކީ ހޭ ކަހާނ"ގެ މަސައްކަތް ވެސް ތާޕްސީ ކުރަމުން އެބަ ގެންދެ އެވެ.