ކަންގަނާ

ކަންގަނާގެ ބަހުގެ ހަމަލާތަކެއް ތާޕްސީއަށް

ކަންގަނާ ރަނާވަތު އަކީ ބޮލީވުޑް ތަރިންނާ ދިމާލަށް ހިތަށް އެރި އެއްޗެއް ސޯޝަލް މީޑިއާގައި އެހެނިހެން ވެސް ޕްލެޓްފޯމްތަކުގައި އަމާޒު ކުރަމުންދާ ބަތަލާ އެކެވެ. އެންމެ ފަހުން އޭނާގެ ހަމަލަ އަމާޒުވެފައި ވަނީ އަލަށް ބޮލީވުޑްގައި ފިޔަޖަހަމުންދާ ކުޅަދާނަ ބަތަލާ ތާޕްސީ ޕަންނޫ އަށެވެ.

"ކަންގަނާގެ ޓީމު" އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ތާޕްސީ އަކީ ވެސް "މޫވީ މާފިއާ" ގެ ސަޕޯޓަރެކެވެ. އަދި ކަންގަނާގެ ބާރު ކަނޑުވާލާ އިންޑަސްޓްރީން ބޭރުކޮށްލަން މަސައްކަތްކުރާ މީހުންގެ ތެރެއިން މީހެކެވެ.

ކަންގަނާއަކީ ފިލްމު އިންޑަސްޓްރީގައި އޮތް ނެޕޯޓިޒަމް އާ ދެކޮޅަށް އެންމެ ގަދަޔަށް ވަކާލާތުކުރާ މީހާ އެވެ. އޭނާ ދެކޭ ގޮތުގައި ފިލްމީ ތަރިންގެ ދަރިންނާއި އާއިލާގެ މީހުންނަށް ބޮލީވުޑްގެ އެންމެ ބާރުގަދަ ޕްރޮޑިސަރުންނާއި ޑައިރެކްޓަރުން އަބަދުވެސް އިސްކަންދީ އެހެން މީހުން ވަނީ ބާކީ ކޮށްފަ އެވެ. ޚުދް އޭނާ އަކީ ވެސް އެގޮތަށް ބާކީ ކޮށްލާފައިވާ ބަތަލާ އެއް ކަމަށް ކަންގަނާ ދެކެ އެވެ.

ތާޕްސީއަކީ ވެސް ފިލްމު އިންޑަސްޓްރީއާ އެއްވެސް ގުޅުމެއް ހުރި އެކްޓަރެއް ނޫނެވެ. އަދި ތާޕްސީ އަކީ ވަރަށް ކެރިގެން އޭނާ ބުނަން ބޭނުންވާ އެއްޗެއް އެ ބޭނުންވާ މީހަކާ ދިމާލަށް ބުނެލާ އެކްޓަރެކެވެ. ކަންގަނާ ދައްކާ ވާހަކައަކަށް ތާޕްސީ އެއްބަހެއް ނުވެ އެވެ. މިއީ ތާޕްސީ ދެކެ ކަންގަނާ ރުޅި އައި ސަބަބެކެވެ.

"އިންޑަސްޓްރީން މަސައްކަތް ނުލިބެނީ ނެޕޯޓިޒަމްގެ ސަބަބުންނެކޭ އެއްވެސް މީހަކަށް ނުބުނެވޭނެ. އެމީހެއްގެ ހުނަރާއި ގާބިލްކަން ހުރިއްޔާ މަސައްކަތް ލިބޭނެ،" ތާޕްސީގެ ތަންކޮޅެއް ކުރީގެ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ. ތާޕްސީ ބުނެފައިވާ ގޮތުގައި އިންޑަސްޓްރީން ބޭރުން އަންނަ މީހުންނަށް ދޮންމަންމަ ދޮން ދަރިއަކަށް ކަންތައް ކުރާ ގޮތަށް ކަންތައް ކުރާ ކަމަކަށް އޭނާ އަކަށް ނުބުނެވޭނެ އެވެ.

ނެޕޮޓިޒަމް އާ ބެހޭ ގޮތުން ތާޕްސީ ދައްކާފައިވާ ބައެއް ވާހަކަތައް ހިމެނޭ ޚަބަރުތަކުގެ ސްކްރީންޝޮޓާއެކު ކަންގަނާގެ ޓިމުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ "މޫވީ މާފިއާ" މީހުންގެ ކޮޅަށް ބައެއް މީހުން ޖެހެނީ ފިލްމުތަކާއި އެވޯޑުތައް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކަންގަނާ އާ ދެކޮޅަށް ވާހަކަ ދައްކައިގެން އެމީހުން ހިތްހަމަޖައްސައިދޭން ތާޕްސީ މަސައްކަތް ކުރަނީކަމަށް ދޭހަވާ މޭރުމަކުން މި ޓުވީޓްގައި ބަޔާން ކޮށްފައި ވެއެވެ.

ކަންގަނާގެ ޓުވީޓެއް ދެ ގަޑިއެއްހާއިރު ތެރޭ ތާޕްސީ ވަނީ ކަންގަނާ އަށް ޖަވާބު ދީފަ އެވެ. "ނުބައިކޮށް ވިސްނާ މިހުން" އަބަދުވެސް ވިސްނާނީ ނުބައިކޮށް ކަމަށާއި ހަޔާތުގައި އޭނާ ގަބޫލުކުރާ އަދި އެގޮތަށް އަމަލުކުރާ ބައެއް ކަންކަން ހުންނަ ކަމަށާއި ޚާއްސަކޮށް ފާއިތުވީ މަސްތަކުގައި އޭނާގެ ވިސްނުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ތާޕްސީގެ ޓުވީޓްގައި ބުނެފައި ވެއެވެ.

"ކޮންމެ ކަމެއް ނެގެޓިވްކޮށް ދެކޭ މީހުންނަކަށް ރަނގަޅު އެއްވެސް ކަމެއް ނުފެންނާނެ. އެހެން މީހެއްގެ ކާމިޔާބުން އެމީހުންނަކަށް އުފަލެއް ނުލިބޭނެ. ސަބަބަކީ އެމީހުން އަމިއްލަ ނަފްސަ މެދުވެސް ތިބެނީ ހިތްހަމަނުޖެހި ފޫހިވެފައި ކަމަށް ވާތީ. ކޮންމެހެން އެމީހުންނާ މެދު އެހެން މީހުން ގޯސްކޮށް ދެކޭނެކަމެއް ވެސް ނެތް. އެންމެ ރަނގަޅު ގޮތަކީ އެމީހުންނަށް ހެޔޮ ވިސްނުމާއި ތަރައްގީ ލިބޭތޯ ދުއާ ކުރުން،" ކަންގަނާގެ ޓުވީޓްގައި ބުނެފައި ވެއެވެ.