ފިނިޕޭޖް

"އިމަޖެންސީ" ޑައިރެކްޓް ކުރަން ކަންގަނާ ހަވާލުވެއްޖެ

ބަތަލާ ކަންގަނާ ރަނާވަތުގެ ކެރިއަރުގައި ޑައިރެކްޓްކުރާ ދެ ވަނަ ފިލްމު "އިމަޖެންސީ" ގެ މަސައްކަތް ފަށަން އޭނާ ތައްޔާރު ވެއްޖެ އެވެ. މީގެ ކުރިން "މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" ޑައިރެކްޓް ކުރި ކަންގަނާ މި ހަބަރު ޝެއާކުރީ ކޫ އެޕް ކިޔާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގަ އެވެ.

ކަންގަނާ ލިޔެފައިވާ ގޮތުގައި އަނެއްކާ ވެސް ޑައިރެކްޓަރެއްގެ ތޮފި އަޅައިގެން މަސައްކަތް ފަށަން މިހާރު އޭނާ ހުރީ ތައްޔާރަށެވެ.
"އަހަރެއްހާ ދުވަސް ވެއްޖެ 'އިމަޖެންސީ" ގެ މަސައްކަތްތައް ކުރާތާ. އެންމެ ފަހުން ވިސްނިއްޖެ އަހަންނަށް ނޫން މީހަކަށް މި ފިލްމު ޑައިރެކްޓް ނުކުރެވޭނެކަން އަހަރެން ވިސްނާހާ މޮޅަކަށް. އަހަރެން މި ފިލްމުގެ މަސައްކަތް ކުރަނީ ވަރަށް މޮޅު ލިޔުންތެރިއެއް ކަމަށްވާ ރިތޭޝް ޝާހް އާ ގުޅިގެން. މި ފިލްމު ޑައިރެކްޓް ކުރުމުގެ ޒިންމާ ނަގާތީ އަހަރެން ކުޅެން ބޭނުންވާ ވަރަށް ގިނަ ފިލްމުތަކެއް ނުކުޅެ ދޫކޮށްލަން އެބަޖެހޭ. އެހެން ނަމަވެސް މި ފިލްމު އުފެއްދުމުގެ މަސައްކަތް ކުރަން މިހާރު ވަރަށް ބޭނުންވެއްޖެ. މި ދަތުރަކީ ވަރަށް އާދަޔާޚިލާފު ވަރުގަދަ ދަތުރަކަށް ވާނެ. މިއީ މުޅިން އެހެން ލީގަކަށް އަޅާ ދިގު ފިޔަވަޅެއް،" ކަންގަނާ ލިޔެފައި ވެއެވެ.

"އިމަޖެންސީ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އިންދިރާ ގާންދީގެ ހަޔާތުގެ ސަފުހާތަކެއް ކިޔައިދޭ ފިލްމެކެވެ. މި ވާހަކަތަކަކީ މީގެ ކުރިން ސްކްރީނާ ހަމަޔަށް އައިސްފައިވާ ވާހަކަތަކެއް ނޫން ކަމަށް ވެސް ކަންގަނާ ބުންޏެވެ.

މި ފިލްމު ޑައިރެކްޓްކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ސާއީ ކަބީރެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެކަން އިއުލާން ކުރީ ވެސް ކަންގަނާ އެވެ. އަދި ފިލްމު ޕްރޮޑިއުސްކުރަން އޭރު ވެސް ހަމަޖެހިފައި އޮތީ ކަންގަނާގެ ފިލްމު ޕްރޮޑަކްޝަން ކުންފުނި މާނީކަރްނީކާ ފިލްމްސް އިންނެވެ. ނަމަވެސް މިހާރު ހަމަޖެހިފައި ވަނީ އޯޓީޓީ ޕްލެޓްފޯމަކަށް ކަންގަނާ ޕްރޮޑިއުސްކުރާ "ޓީކޫ ވެޑްސް ޝޭރޫ" ޑައިރެކްޓް ކުރުން ސާއީ ކަބީރާ ހަވާލުކުރުމަށް ފަހު "އިމަޖެންސީ" އުފެއްދުމުގެ މަސައްކަތް ކަންގަނާ ކުރާ ގޮތަށެވެ.

ކަންގަނާ ބުނި ގޮތުގައި މި ފިލްމަކީ އިންދިރާ ގާންދީގެ ބައޮޕިކެއް ނޫނެވެ. އެކަމަނާގެ ސިޔާސީ ހަޔާތުގެ ވަރަށް މުހިއްމު ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ. މި ފިލްމު ބަލާލުމުން މި ޒަމާނުގެ ކުދިންނަށް ވެސް އިންޑިޔާގެ ސިޔާސީ މަސްރަހު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް ކަންގަނާ ބުންޏެވެ.

"އިމަޖެންސީ" ގައި އިންދިރާ ގާނދީގެ ރޯލު ކުޅެނީ ވެސް ކަންގަނާ އެވެ. މި ފިލްމު ކުޅެން ތައްޔާރުވުމުގެ ގޮތުން އޭނާގެ ބޮޑީ ސްކޭން ހަދާ މަންޒަރުތަކެއް ވެސް އޭނާ ދާދިފަހުން ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައި ވެއެވެ. މިއީ އިންދިރާ ގާނދީގެ ސިފަ އާ ވީހާވެސް ވައްތަރު މީހަކަށް ވާން އޭނާ ކުރާ މަސައްކަތެވެ.