ކަންގަނާ ރަނާވަތު އާ ދެކޮޅަށް ރިތިކް ރޯޝަން ހުށަހަޅާފައިވާ މައްސަލައިގެ ބަޔާން ދިނުމަށް މިއަދުގެ ވަގުތެއްގައި މުމްބައި ކްރައިމް ބްރާންޗަށް ރިތިކް ހާޒިރު ވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. ކަންގަނާ އާ ދެކޮޅަށް ރިތިކް މައްސަލައެއް ހުށަހެޅީ އޭނާ ކަންގަނާއަށް ފޮނުވި ކަމަށް ކަންގަނާ ބުނާ އީމެއިލްތަކެއްގެ މައްސަލައިގަ އެވެ. މިއީ 2016 ގައި ހުށަހެޅި މައްސަލައެއް ނަމަވެސް އަދިވެސް މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތެވެ.
ކަންގަނާ މީޑިއާގައި ބުނެފައި ވަނީ ރިތިކް އާއި އޭނާގެ ލޯބީގެ ގޮތުން ގުޅިގެން ވަރަށް ގިނަ ދުވަހު އުޅެފައިވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ދެ މީހުން ވަރަށް ގިނަ ލޯބީގެ ވާހަކަތައް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ރިތިކް ބުނަނީ ކަންގަނާ ހަދަނީ ދޮގު ކަމަށާއި އޭނާ އާ އެއްވެސް އިރެއްގައި އެފަދަ ގުޅުމެއް ނުބާއްވާ ކަމަށެވެ. އަދި ރިތިކްގެ ނަމުގައި ހަދާފައިވާ އީމެއިލް އެކައުންޓަކުން ކަންގަނާ އާ ވާހަކަ ދައްކާފައި ވަނީ އޭނާއަށް ހެދިގެން އެހެން މީހެއް ކަމަށެވެ.
ނަމަވެސް ކަންގަނާ ބުނަނީ އެ އީމެއިލް އަކީ ހުދް ރިތިކް އޭނާއަށް 2014 ގައި ދިން އީމެއިލް އައިޑީ އެއް ކަމަށެވެ. އޭރުއްސުރެ ދެ މީހުން އީމެއިލް މެދުވެރިކޮށް ލޯބީގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެ ބުނާ އީމެއިލް ތަކެއް ފޮނުވާފައި ވަނީ 2013 އާއި 2014 އާ ދެމެދުގެ ދުވަސްތަކުގަ އެވެ.
ކަންގަނާއަށް ދައުވާ ކުރަން ރިތިކް ނިންމައި ލީގަލް ނޯޓިސް ފުރަތަމަ ފޮނުވީ 2016 ގައެވެ. އެއީ ރިތިކް އަކީ "ސިލީ އެކްސް" (މޮޔަ ކުރީގެ ލޯބިވެރިޔާ) ގެ ގޮތުގައި ރިތިކް އަށް މުހާތަބުކޮށް ކަންގަނާ މީޑިއާތަކާ ވާހާކަ ދެއްކުމުން އައި ރުޅީގަ އެވެ.
ރިތިކް ބުނީ ކަންގަނާ އާ ދުވަހަކު ވެސް ލޯބީގެ ވާހަކައެއް ނުދައްކާ ކަމަށާއި އެފަދަ އެއްވެސް ގުޅުމެއް ނުބާއްވާ ކަމަށެވެ. އީމެއިލްތަކެއްގެ ވާހަކަ ކަންގަނާ ދައްކަން ފެށީ އޭގެ ފަހުންނެވެ.
ރިތިކް އާއި ކަންގަނާ ވަނީ 2010 ގައި ރިލީޒްކުރި "ކައިޓްސް" އާއި 2013 ގައި ރިލީޒްކުރި "ކްރިޝް 3" ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.
އޭގެ ފަހުން 2016 ގައި ރިތިކް ބުނެފައި ވަނީ ކަންގަނާ އޭނާއަށް އެތައް ހާސް އީމެއިލް އެއް ފޮނުވަމުންދާ ކަމަށެވެ. ކަންގަނާއަށް އޭނާ އެއްވެސް އީމެއިލް އެއް ނުފޮނުވާ ކަން ސާބިތު ކޮށް ދިނުމަށް ރިތިކް ވަނީ އޭނާގެ ލެޕްޓޮޕާއި ފޯނު މި މައްސަލަ ތަހުގީގު ކުރަމުންދާ ސައިބަ ސެލް ޑިޕާޓްމަންޓާ ހަވާލު ކޮށްފަ އެވެ.
އޭރުއްސުރެ މި މައްސަލަ ސައިބަ ސެލް އިން ތަހުގީގު ކުރަމުން ދިޔަ އެވެ. ނަމަވެސް 2020 ގެ ޑިސެމްބަރުގައި މި މައްސަލަ ވަނީ ކްރިމިނަލް އިންޓެލިޖެންސް ޔުނިޓަށް ޓްރާންސްފާ ކޮށްފަ އެވެ. އެއީ ރިތިކްގެ ގާނޫނީ ވަކީލު މަހޭޝް ޖަތުމަލާނީ އެދިގެންނެވެ. މިހާރު ބެލެވޭ ގޮތުގައި މި މައްސަލަ ދެން ބާރު ސްޕީޑުގައި އަނެއްކާވެސް ކުރިޔަށް ދާނެ އެވެ.