ބޮލީވުޑް

ކަންގަނާގެ ބޯ ސަކަރާތްވީތަ؟

ކަންގަނާ ރަނާވަތުގެ އަޑެއް ބަޑެއް ނީވި ދުވަސްކޮޅެއް ވުމަށްފަހު މިހާރު އަނެއްކާވެސް އޭނާގެ އަނގަ ފަޅައިފި އެވެ. އަދި ބޮލީވުޑްގެ އެކި އެކި ތަރިންނާ ގުޅޭ ގޮތުން ކަންގަނާ ދަނީ ފާޑުފާޑުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކަމުންނެވެ.

މި ވާހަކަތައް ކިޔާފައި ގިނަ ބަޔަކު މިހާރު އެއްބަސްވާ ގޮތުގައި ކަންގަނާ މިހާރު އެހެރީ ބޯގޮވާފަ އެވެ. ނަފްސާނީ މާހިރަކަށް ދައްކައިގެން އޭނާގެ ސިކުނޑިއަށް ފަރުވާ ކުރަން ޖެހޭ ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މީގެ ދެ ދުވަހެއް ކުރިން ކަންގަނާ ފުރަތަމަ ޝެއާ ކުރި ޕޯސްޓްގައި ބުނެފައިވަނީ ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ ދެމަފިރިއަކު އޭނާއަށް ޖާސޫސް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ފަހަތުން އަޅުވާލައިގެން އޭނާގެ ވަޓްސްއަޕް ޗެޓްތައް ލީކު ކުރަމުންދާ ކަމަށެވެ. ކަންގަނާ ދައްކާ ވާހަކަ ތަކުން އޭނާ މިދައްކަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ވާހަކަކަން ދޭހަވެ އެވެ.

އޭގެ ފަހުން ކުރި ޕޯސްޓެއްގައި ގޭންގް ޖަންގޫ މަންގޫ އަކަށް ބަހުގެ ހަމަލަދީ އިންޒާރުތަކެއް ދީފައި ވެއެވެ. އަދި ފަހުން ބުނެފައިވަނީ އޭނާއަށް ބަޔަކު ޖާސޫސްކުރާ ވާހަކަ ލިޔުމުން އެމީހުން އެކަން ކުރުން ހުއްޓާލައިފި ކަމަށެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާ ދާ ކޮންމެ ތަނަކަށް އޭނާގެ ފަސްފަހަތުން ފާރަލަމުން ބަޔަކު އުޅެ އެވެ. އަދި އޭނާގެ ގެޔާ ދިމާލަށް ކެމެރާތައް ޒޫމްކޮށްގެން އޭނާ އުޅޭ ނޫޅޭގޮތް ބަޔަކު އެބަ ބަލަ އެވެ.

މީގެ ކުރިން ކަންގަނާ ވަނީ ރިތިކް ރޯޝަންއޭ ކިޔައިގެންވެސް މިފަދަ ވަރަށް ގިނަ ވާހަކަތަކެއް ދައްކައި އޭނާއާ ޖައްސާލައިގެން ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅެ ފައެވެ. ނަމަވެސް ރިތިކް އޭނާއާ ރައްޓެހިވެގެން އުޅުނު ކަމެއް ކަންގަނާ އަކަށް ސާބިތު ކޮށެއް ނުދެވުނެވެ. އެހެންވެ ފަހުން ގިނަ ބަޔަކު ގަބޫލުކުރީ ރިތިކްއާ މަތިންބައިން ޖެހިގެން އަޅައިގަނެގެން އުޅުނީ ކަންގަނާ ކަމަށެވެ.