ބޮލީވުޑް

ރަންބީރު-ޝްރައްދާގެ ފިލްމު ރިތިކް އަށް ވަރަށް ރީތި

ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "ތޫ ޖޫޓީ މައި މައްކާރް" ބުދަ ދުވަހު ރިލީޒްކޮށްފައިވާއިރު ފިލްމު ބެލުމަށްފަހު ރިތިކް ރޯޝަން ވަނީ ފިލްމަށް ވަރަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ރިވިއު އެއް ޝެއާ ކޮށްފަ އެވެ.

ރިތިކްގެ ރިވިއުގައި ރަންބީރު އާއި ޝްރައްދާ އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.

"ތޫ ޖޫޓީ މައި މައްކާރް" ވަރަށް ރީތި. މިޒާތުގެ ރޮމެންޓިކް ކޮމެޑީ ހިތްހަމަޖެހޭ ގޮތަކަށް އުފެއްދުމަކީ އުނދަގޫކަމެއް. ފިލްމުގެ މުޅި ޓީމުގެ މަސައްކަތް ވަރަށް ރަނގަޅު. އެންމެންވެސް ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް. ރަންބީރު އާއި ޝްރައްދާ ވަރަށް މޮޅު،" ރިތިކްގެ ރިވިއުގައި ލިޔެފައި ވެއެވެ.

"ތޫ ޖޫޓީ މައި މައްކާރް"ގެ ޓްރެއިލާ އާއި ލަވަތަކަށް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެ ވެއެވެ. އަދި ރިތިކް ނޫނަސް ބައެއް ފަންނާނުން ފިލްމަށް ތައުރީފުކޮށް ރިވިއުތައް ޕޯސްޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ނުޝްރަތު ބަރޫޗާ އާއި ރަކުލް ޕްރީތު ސިންގް ފަދަ ބަތަލާއިން ހިމެނެ އެވެ.

ލަވް ރަންޖަން ޑައިރެކްޓްކޮށްފައިވާ މި ފިލްމާ މެދު ކްރިޓިކްސްގެ ރިވިއުތައް ހުރީ ވަރަށް މަސްހުނިކޮށެވެ. އެއްބަޔަކަށް ފިލްމު ވަރަށް މޮޅުވެގެން އިންތިހާއަށް ތައުރީފުކޮށްފައިވާއިރު އަނެއް ބަޔަކަށް ފިލްމު އެހާ ކަމަކު ނުދިޔަ އެވެ. ނަމަވެސް ފިލްމު ބެލި ގިނަ ބަޔަކު ބުނެފައިވަނީ އެމީހުންނަށް ފިލްމު ވަރަށް ރީތި ކަމަށާއި މިއީ ކޮންމެ މީހަކުވެސް ބަލާލުން ރަނގަޅު ފިލްމެއް ކަމަށެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ރިވިއުގައި މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ފަސް ތަރީގެ ތެރެއިން ހަތަރު ތަރި މި ފިލްމަށް ދީފައި ވެއެވެ. އަދި ޓްރޭޑް އެނަލިސްޓް ކޯމަލް ނަހާތާ ވެސް ބުނެފައިވަނީ މިއީ ވަރަށް މޮޅު ފިލްމެއް ކަމަށެވެ. އޭނާ ވެސް ފަސް ތަރީގެ ތެރެއިން ހަތަރު ތަރި މި ފިލްމަށް ދީފައި ވެއެވެ. އަދި ރަންބީރާއި ޝްރައްދާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.

ބޮކްސް އޮފީހުގައި މި ފިލްމަށް ރަނގަޅު ފެށުމެއް ލިބިފައި ވެއެވެ. ފިލްމު ރިލީޒްކުރި ބުދަ ދުވަހު 15.75 ކްރޯޑު އަދި ބުރާސްފަތި ދުވަހު 10 ކްރޯޑުގެ ވިޔަފާރި މި ފިލްމަށް ވެފައި ވެއެވެ. އަދި ކުރިޔަށް އޮތީ ހަފުތާ ބަންދަށް ވާތީ ފިލްމުގެ ވިޔަފާރި އިތުރަށް ރަނގަޅުވާނެކަމަށް ޓްރޭޑް އެނަލިސްޓުން ލަފާ ކުރެ އެވެ.