ރަންބީރު ކަޕޫރަކީ ހިންދީ ސިނަމާގައި މަސައްކަތްކުރާ އެންމެ ހުނަރުވެރި ގާބިލް އެއް އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހާއްސަކޮށް ލޯބީގެ ބައިތައް ކުޅެން އޭނާ ވަރަށް މޮޅުކަމަށް އޭނާގެ ފޭނުން ބުނެ އެވެ. މިހާރުވެސް ރަންބީރުގެ ލޯބީގެ ފިލްމެއް ރިލީޒްކުރަން ތައްޔާރުވަމުން އެބަދެ އެވެ. އެއީ ލަވް ރަންޖަން ޑައިރެކްޓްކުރާ ޝްރައްދާ ކަޕޫރު ބަތަލާގެ ބައި ކުޅޭ އަދި ވަކި ނަމެއް ހަމަ ނުޖެހޭ ފިލްމެކެވެ.
ރަންބީރު ބުނި ގޮތުގައި މި ފިލްމަކީ ލޯބީގެ ރޯލު އޭނާ ކުޅޭނެ އެންމެ ފަހު ފިލްމެވެ. މީގެ ފަހުން އޭނާގެ ލޯބީގެ ފިލްމެއް ނުފެންނާނެ އެވެ.
ސައޫދީ އަރަބިޔާގައި އޮތް ރެޑް ސީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ރެޑް ކާޕެޓްގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ ރޮމެންޓިކް-ކޮމެޑީ ފިލްމުތައް ކުޅުން ދެން ނިމުނީ ކަމަށެވެ. އަދި ބެލުންތެރިންނަށް އޭނާ މި ފަދަ ރޯލަކުން ފެންނާނެ އެންމެ ފަހު ފިލްމަކީ ލަވް ރަންޖަންގެ ފިލްމު ކަމަށެވެ.
"ލޯބީގެ ފިލްމުތައް ކުޅުން ހުއްޓާލަން ނިންމީ އަހަރެން ވެސް މިހާރު މުސްކުޅިވާތީ،" ރަންބީރު ބުންޏެވެ.
ލަވް ރަންޖަންގެ ފިލްމު ފިޔަވައި ރަންބީރު މިހާރު ކުޅެމުންދާ އަނެއް ފިލްމަކީ "އެނިމަލް" އެވެ. އެ ފިލްމުގައި ރަންބީރު ކުޅެނީ ނެގެޓިވް ރޯލެކެވެ. އޭނާ މި ފިލްމު ގަބޫލުކުރީ ވެސް އެއީ މިހާތަނަށް ކުޅެފައި ނުވާ ކަހަލަ ރޯލަކަށް ވާތީ ކަމަށް ރަންބީރު ބުނެފައި ވެއެވެ.
"އެނިމަލް"ގެ ބަތަލާ އަކީ ސައުތު އިންޑިއާގެ މަޝްހޫރު ތަރިއެއް ކަމަށްވާ ރަޝްމިކާ މަންދާނާ އެވެ. އަދި އަނިލް ކަޕޫރު ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރެ އެވެ.
ރަންބީރު އާއި އަންހެނުން އާލިއާ ބަޓް އަށް ދާދިފަހުން އަންހެން ދަރިއަކު ލިބިފައި ވެއެވެ. އެމީހުން އެ ދަރިފުޅަށް ކިޔާފައިވަނީ "ރާހާ" އެވެ. ރަންބީރުގެ މި ނިންމުމަކީ ބައްޕައަކަށް ވުމުން ނުވަތަ ކައިވެންޏަށްފަހު ނިންމި ނިންމުމެއް ކަމަކަށް އޭނާ ނުބުންޏެވެ. ހަމައެކަނި ބުނީ އުމުރުން ދުވަސްވަމުންދާތީ ރޮމެންޓިކް ރޯލުތައް ކުޅެން ބޭނުން ނެތީ ކަމަށެވެ.