ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު މިހާރު ކުޅެމުންދާ ޑައިރެކްޓަރު ލަވް ރަންޖަންގެ އަދި ވަކި ނަމެއް ނުކިޔާ ފިލްމުގެ ޝޫޓިންގް އަށް މުމްބައިގައި ތައްޔާރުކޮށްފައިވާ ސެޓެއްގައި ރޯވެއްޖެ އެވެ.
އަނދޭރީ ވެސްޓްގެ ޗިތުރާކޫތު ސްޓޫޑިއޯގައި ތައްޔާރުކޮށްފައިވާ މި ސެޓަކީ ލަވައެއްގެ ޝޫޓިން އަށް ތައްޔާރުކޮށްފައި ހުރި ތަނެކެވެ.
މި ފިލްމުން އަލަށް އެކްޓިންގެ މަސައްކަތް ފަށާ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބުނި ގޮތުގައި އަލިފާން ރޯވި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އަލިފާން ރޯވީ މާދަމާ ބާއްވަން ހަމަޖެހިފައިވާ ޝޫޓިން އަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނިކޮށެވެ.
ރޯވެފައިވާ ތަނުން އަރަމުން ދިޔަ ބޯ ދުންގަނޑު ވަރަށް ދުރަށް ފެންނަން ހުރި ކަމަށް މި ހިސާބުގަނޑުގެ މީހުން ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މެސެޖުތަކުގައި ބުނެފައި ވެއެވެ.
މި ފިލްމަކީ ރަންބީރާއި ޝްރައްދާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމުގެ ބައެއް މަންޒަރުތައް މުމްބައިގައި ކުރިން ޝޫޓްކޮށްފައިވާއިރު ސްޕެއިން އާއި މޮރިޝަސްގައި ވެސް ބައެއް ޝޫޓިންގްތައް ބާއްވާފައި ވެއެވެ.
ސެޓުގައި ރޯވުމާ ގުޅިގެން ފިލްމުގެ ޝޫޓިން ވަނީ މުއްދަތެއް ނެތި މަޑުޖައްސާލާފަ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.