ބޮލީވުޑް

ޝްރައްދާ-ރަންބީރުގެ ފިލްމުގެ ނަމަކީ "ތޫ ޖޫތީ މައި މައްކާރް"

ލަވް ރަންޖަން ޑައިރެކްޓްކޮށްފައިވާ ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ އާ ފިލްމުގެ ނަން އިއުލާން ކޮށްފި އެވެ.

ފިލްމުގެ ނަން އިއުލާންކުރުމުގެ އެއް ދުވަސް ކުރިން ޝްރައްދާ ވަނީ އެ ފިލްމުގެ އިނީޝިއަލްސް ކަމަށްވާ "ޓީޖޭއެމްއެމް"ގެ ދިގު ނަމަކީ ކޮބައިތޯ ފޭނުންނާ ސުވާލުކޮށްފަ އެވެ.

މި ސުވާލުގެ ޖަވާބު ޝްރައްދާގެ 70 މިލިއަނަށް ވުރެ ގިނަ ފޭނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ދިނެވެ. އަދި އެކިއެކި މަޖާ ނަންނަން އެމީހުން މި ފިލްމަށް ކިޔާފައިވެ އެވެ. އަދި ރަންބީރުގެ އަންހެނުން އާލިއާ ބަޓް ވެސް މި މީހުންނާ ބައިވެރިވެ ފިލްމަށް މޮޅު ނަމެއް ދިނެވެ. ނަމަވެސް އެންމެ ފަހުން އިއްޔެ މި ފިލްމުގެ ނަން ހާމަކުރިއިރު އެއްވެސް މީހަކަށް ނަން ދިމަލެއް ނުވި އެވެ. ސަބަބަކީ ފިލްމަށް ކިޔާފައިވަނީ މީހަކު ހީވެސް ނުކުރާ ކަހަލަ ނަމަކަށް ވީމަ އެވެ.

ލަވް ރަންޖަންގެ ކުރީގެ ފިލްމުތައް ކަމަށްވާ "ޕިޔާރް ކާ ޕަންޗްނާމާ" އާއި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" ގޮތަށް މިފަހަރުގެ ފިލްމަށް ވެސް ލަވް ރަންޖަން ދީފައިވަނީ މަޖާ ނަމެކެވެ. "ތޫ ޖޫތީ މައި މައްކާރް" އެވެ.

މި ފިލްމުގެ ނަން އިއުލާން ކުރުމާއެކު ފިލްމުގައި ރަންބީރު އާއި ޝްރައްދާ ކުޅޭ ކެރެކްޓާގެ ކުޑަ ތައާރަފެއް ވެސް ބެލުންތެރިންނަށް ދައްކާލާފައި ވެއެވެ.

ފިލްމުގައި ޝްރައްދާގެ ނަމަކީ ޖޫތީ އެވެ. ރަންބީރަކީ މައްކާރެވެ. އަދި ރަންބީރު އަކީ "ބައްޗަން ކީ ދީވާރް" ކަމަށާއި ޝްރައްދާ އަކީ "އުމްރާއޯ ޖާން" ކަމަށް މި ވީޑިއޯ ކްލިޕްގައި ފެންނަ ލަވައެއްގައި ކިޔަ އެވެ.

ބެލެވޭ ގޮތުގައި މި ފިލްމުގައި ރަންބީރާއި ޝްރައްދާގެ ކެރެކްޓާގެ މެދުގައި ވަރަށް ގަދަފަދަ ލޯތްބެއް އޮތަސް ވަރަށް އަޑިނޭނގޭ ކަންތައްގަނޑެއް ވެސް މި ދެމީހުންގެ މެދުގައި އޮވެ އެވެ.

މިއީ އައިޝްވަރިޔާ ރާއީއާ އެކު "އޭ ދިލް ހެ މުޝްކިލް" ކުޅުނުފަހުން ރަންބީރު ކުޅޭ ފުރަތަމަ ރޮމެންޓިކް ރޯލެވެ. އަދި ރަންބީރު ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި މިއީ އޭނާ ރޮމެންޓިކް ރޯލު ކުޅޭ އެންމެ ފަހު ފިލްމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ލަވް ރަންޖަން އާއި ބޫޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް އަށްވަނަ ދުވަހު އެވެ.