ބޮލީވުޑް

ޝްރައްދާ އާއި ރަންބީރު އެކުގައި ފިލްމު ޕްރޮމޯޓްނުކުރަނީ ކީއްވެ؟

ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ އާ ފިލްމު "ތޫ ޖޫޓީ މައި މައްކާރް" އަންނަ ބުދަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާއިރު މި ދެ ތަރިން ވެސް މިހާރު ބިޒީކޮށް ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެން އެއްވެސް ޕްރޮމޯޝަން އިވެންޓެއްގައި ރަންބީރު އާއި ޝްރައްދާ އެކީގައި ފެނިފައެއް ނުވެ އެވެ.

ކަޕިލް ޝަރުމާ ޝޯ އަށް ވެސް ދެ ތަރިން އެރީ ވަކިންނެވެ. އަދި "އިންޑިއަން އައިޑަލް 13" އަށް ވެސް ރަންބީރު ކުރިން އައިސް ވަކި ހިސާބަކުން ޝްރައްދާ އަތުވެއްޖެކަން އެނގުމުން އަވަހަށް އެތަނުން ދިޔައީ އެވެ.

މިކަމާ ގުޅޭ ސުވާލެއް ނޫސްވެރިއަކު ރަންބީރާ ކުރި އެވެ. ނޫސްވެރިޔާ އެހީ ޝްރައްދާ އާއެކު ފިލްމު ޕްރޮމޯޝަން މަސައްކަތް ނުކުރަނީ އަންހެނުން އާލިއާ ބަޓް މަނާކޮށްފައި އޮތީމާ ހެއްޔެވެ؟

މި ސުވާލުކުރުމުން ރަންބީރު ހިތްހަމަނުޖެހުނު ނަމަވެސް އެކަން އޭނާ މާބޮޑަކަށް ހާމައެއް ނުކުރެ އެވެ. ނޫސްވެރިޔާއަށް ޖަވާބު ދެމުން ރަންބީރު ބުނީ ހަގީގަތެއް ނެތް ވާހަކަތައް ހަދަހަދައިގެން ނުދެއްކުމަށެވެ. އަދި އޭނާ އާއި ޝްރައްދާ އެކުގައި ފިލްމު ޕްރޮމޯޓްކުރާތަން ނުފެންނަނީ އެއީ ފިލްމު އުފެއްދި ފަރާތުން އެގޮތަށް ބޭނުންވެގެން ކަމަށް ރަންބީރު ބުންޏެވެ.

"އަހަރެމެން ދެ މީހުން އެކުގައި ދެކެން ބޭނުމިއްޔާ ސިނަމާއަށް ގޮސް ފިލްމު ބަލަން ޖެހޭ ގޮތަށް ފިލްމު އުފެއްދި ފަރާތުން ނިންމާފައި އޮތީ. އެނޫން ގޮތަކަށް ދެ މީހުން އެކުގައި ނުފެންނަ ގޮތަށް ޕްރޮމޯޝަންތައް ރާވާފައި ހުރީ،" ރަންބީރު ބުންޏެވެ.

ރަންބީރު ބުނި ގޮތުގައި އޭނާ އާއި ޝްރައްދާ އެކުގައި ފިލްމު ކުޅުނަސް އަދި ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިޔަސް އާލިއާ އެކަމާ ދުވަހަކުވެސް އެއްޗެކޭ ނުބުނާނެ އެވެ.