ބޮލީވުޑް

ކަންގަނާ އާއި ރިތިކްގެ ވާހަކަ އަނެއްކާވެސް ހޫނުވަނީ

ރިތިކް ރޯޝަންއޭ ކިޔައިގެން ކަންގަނާ ރަނާވަތު ދެއްކި ވާހަކަ ތަކެއް 2016 ގައި ވަރަށް ހޫނުވެފައި ވެއެވެ. އަދި މި ވާހަކަ ތަކަކީ މުޅި ހިންދީ ފިލްމު އިންޑަސްޓްރީއަށް ބޮޑު ޝޮކެއް ލިބިގެންދިޔަ ވާހަކައަކަށް ވިއެވެ.

މި ދެ އެކްޓަރުންގެ މެދުގައި ބަހުގެ ހަމަލަތައް ބަދަލުކޮށް ދެ މީހުންގެ ޒާތީ ވާހަކަތައް ވެސް އެކަކު އަނެކަކު މީޑިއާ ތަކަށް ކިޔައިދެމުން ގެންގޮސްފައި ވެއެވެ. ވަރަށް ހުތުރުކޮށް މި ކަންތައްތައް ގޮސް ވަކި ހިސާބަކުން މި ވާހަކަތަކުގެ އަޑު މަޑުވެފައި އޮތުމަށް ފަހު އަނެއްކާވެސް މި ވާހަކަ ވަނީ ހިލިފަ އެވެ.

އެއީ 2016 ގައި ކަންގަނާ އާ ދެކޮޅަށް މުމްބައިގެ ސައިބަ ސެލް އަށް ރިތިކް ހުށަހެޅި މައްސަލަ ކްރައިމް ބްރާންޗް ސީއައިޔޫ (ކްރައިމް އިންޓެލިޖެންސް ޔުނިޓް) އަށް ޓްރާންސްފާ ކުރުމާ ގުޅިގެންނެވެ. މި މައްސަލަ މީޑިއާއަށް ފެންމަތިކުރީ ކަންގަނާ އެވެ. ރިތިކް އާއި އޭނާ ރައްޓެހިވެގެން އުޅެފައި ރުޅިވީ ކަމަށް ދޭހަވާ މޭރުމަކުން މީޑިއާތަކުގައި ފުރަތަމަ ވާހަކަ ދައްކަން ފެށީ ކަންގަނާ އެވެ.

ކަންގަނާ މިގޮތަށް ވާހަކަ ދައްކަން ފެށުމުން ރިތިކް އެކަމާ ސާފު ބަހުން އިންކާރު ކުރަން ފެށި އެވެ. އަދި އެއްވެސް އިރެއްގައި އޭނާ ކަންގަނާ އާ ލޯބީގެ ގޮތުން ނުގުޅޭ ކަމަށް ރިތިކް ބުނެފައި ވެއެވެ. ރިތިކް ބުނަނީ ކަންގަނާ 2013 އައި 2014 ގައި ވަރަށް ގިނަ އީމޭއިލްތައް ރިތިކަށް ފޮނުވި ކަމަށެވެ. ނަމަވެސް އޭނާ އޭގެން އެއްވެސް މެއިލް އަކަށް ޖަވާބު ނުދޭ ކަމަށެވެ.

ސައިބަ ސެލްއަށް ރިތިކް މައްސަލަ ހުށަހެޅީ މިކަން ސާބިތު ކުރުމަށެވެ. ކަންގަނާ އާ އެއްވެސް އިރެއްގައި އީމެއިލްގެ ޒަރިއްޔާއިން ވެސް އަދި އެނޫން ގޮތަކަށް ވެސް ލޯބީގެ ވާހަކަ ނުދައްކާކަން ރިތިކް ސާބިތު ކޮށްދޭން ބޭނުންވީ އެވެ.

ރިތިކް ހުށަހެޅި މައްސަލަ ކްރައިމް އިންޓެލިޖެންސް ޔުނިޓަށް ޓްރާންސްފާ ކުރުމުން އަލުން އެ މައްސަލަ ބަލަން ފަށާނެކަން އެނގުމާއެކު ކަންގަނާ ވަނީ ސޯޝަލް މީޑިއަގައި އަނެއްކާވެސް ރިތިކް އާ ދިމާކޮށްލާފަ އެވެ.

"އަނެއްކާވެސް މީހަކު ގިސްލާ ރޯން ފަށައިފި. އަހަރެމެން ދެ މީހުން ރުޅިވީތާ އަދި އޭނާ އަންހެނުން ވަރި ކުރިތާ އެތައް އަހަރެއްވިއިރު ވެސް އަދިވެސް އޭނާއަކަށް އެކަން ހަނދާން ނައްތައެއް ނުލެވޭ. އަދިވެސް އޭނަ އެ އުޅެނީ އެހެން އެއްވެސް އަންހެނަކާ ލޯބީގެ ގޮތުން ނުގުޅެވިގެން. އަހަރެން މިހާރު މާޒީ ހަނދާން ނައްތާލާފައި އާ ދިރިއުޅުމެއް ފަށަން ތައްޔާރުވާން ފެށިތަނާ އަނެއްކާވެސް އޭނާ އެ ޑްރާމާ އަލުން ފަށައިފި. ރިތިކް! ކުޑަ ދުވަސްކޮޅަކަށް ހިންގި ލޯބީގެ ގުޅުމަކާ ހެދި ކިހާ ދުވަހަކު ރޯން ގަސްދު ކުރަންތަ؟،" ކަންގަނާ ކުރި ޓުވީޓްގައި ބުނެފައި ވެއެވެ.

ކަންގަނާ އާއި ރިތިކް 2013 ގައި "ކްރިޝް 3" ގައި އެކުގައި މަސައްކަތް ކޮށްފައި ވެއެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ކަންގަނާ އަބަދުވެސް ބުނެ އެވެ. ނަމަވެސް ރިތިކް ބުނަނީ މިއީ ކަންގަނާގެ ޚިޔާލީ ފޮލާއެއް ކަމަށެވެ.