ބޮލީވުޑް

ކަންގަނާ އާއި ރިތިކް ކުރިމަތިލުމަކަށް

ކަންގަނާ ރަނާއުތުއާއި ރިތިކް ރޯޝަންގެ ލޯބީގެ ކުޅިގަނޑަކީ އެންމެވެސް ދަންނަ ބާވެފައި އޮތް ވާހަކަ އެވެ. އެ ސަކަރާތުގެ ތެރޭގައި މި ދެ ފަންނާނުން އެތައް ކުރިމަތިލުންތަކަކަށް ދިޔަ އެވެ. އޭގެފަހުން މިހާރު ޒަމާންގަނޑެއްވެފައިވާއިރު، މި ދެމީހުންގެ ކޯޅުންގަނޑުވެސް އޮތީ މައިތިރިވެފަ އެވެ. މި ހަމަހިމޭންކަމަށް އަނެއްކާވެސް ލޮޅުމެއް އައުން ވަރަށް ގާތެވެ.

މިފަހަރު މި ދެމީހުން ކުރިމަތިލާނީ ލޯބީގެ ކުޅިސަމާއެއްގައެއް ނޫނެވެ. ދެމީހުންގެ އަތުގައި މިހާރު އޮތް ބޮޑު ދެ ފިލްމު ސްކްރީނަށް އަންނަނީ އެއް ހަފްތާއަކު އެވެ. އެއީ މި އަންނަ އަހަރު ޖެނުއަރީ މަހު، އިންޑިއާގެ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި ލިބޭ ހަފްތާ ބަންދުގަ އެވެ.

ކަންގަނާ މިހާތަނަށް އެންމެ ބުރަ މަސައްކަތްކުރި ފިލްމު "މަނިކަރްނީކާ: ދަ ކުއީން އޮފް ޖާންސީ" އާއި ރިތިކްގެ ބަޔޮގްރެފިކަލް ޑްރާމާ ފިލްމު "ސުޕަ ތާޓީ" އެވެ. ރިތިކްގެ ފިލްމު ރިލީޒްކުރާ ތާރީހުގެ ގޮތުގައި ނިންމާފައި އޮތީ ޖެނުއަރީ 25 އެވެ. މި ފިލްމަކީ މަޝްހޫރު ހިސާބު އިލްމުވެރިއެއް ކަމަށްވާ އާނަންދު ކުމާރްގެ ހަޔާތައް ތައްޔާރުކުރާ ފިލްމެކެވެ.

"މަނިކަރްނީކާ" ގައި ކަންގަނާ ފެނިގެންދަނީ އިންޑިއާގައި ކުރިން ރަނިކަންކުރި ރާނީއެއް ކަމަށްވާ ރާނީ ލަކްޝްމީބާއިގެ ރޯލުންނެވެ. މި ފިލްމު ފުރަތަމަ ރިލީޒްކުރަން ނިންމާފައި އޮތީ މި އަހަރު އޭޕްރީލް 27 ގަ އެެވެ. ނަމަވެސް ފަހުން ފިލްމު ވަނީ އަންނަ މަހު ތިނަކަށް ލަސްކޮށްފަ އެވެ.

އިންޑިއާގެ މިނިވަންދުވަހު، އަންނަ މަހު 15 ގައިވެސް މި ފިލްމު ރިލީޒްކުރާނެ ވާހަކަދެކެވުނެވެ. ނަމަވެސް މި ފިލްމުގެ ގެނެސްދޭ ޒީ ސްޓޫޑިއޯސް އާއި ޕްރޮޑިއުސަރު ކަމާލް ޖައިން މިހާރު ވަނީ އަންނަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ލިބޭ ހަފްތާ ބަންދުގައި ފިލްމު ރިލީޒްކުރާ ގޮތަށް ނިންމާ ފިލްމު އެޅުންވުން އަނެއްކާވެސް ފަސްކޮށްފަ އެވެ.

އެ ތާރީހުގައި ރިލީޒްނުކުރި ނަމަވެސް ފިލްމުގެ ފުރަތަމަ ޓީޒާ އަންނަ މަހު 15 ގައި އާންމުކުރާނެ އެވެ. ޒީނިއުސްއިން ރިޕޯޓުކުރި ގޮތުގައި ކަންގަނާ ވަނީ ދާދިފަހުން ފިލްމުގެ ޕްރޮޑިއުސަރުންނާއި ބައްދަލުކޮށްފަ އެވެ. އަދި ފިލްމު މާ އަވަސް އަރުވާލައިގެން ސްކްރީނަށް ގެންނަ އުޅޭކަން އޭނާއަށް ފާހަގަވުމުން ފިލްމު ފަސްކުރަން ނިންމީ އެވެ.