ދުނިޔެ

އިންޑިއާގެ އެންގުމަށް އެކްސްއިން ވަކި އެކައުންޓްތަކެއް ބަންދުކުރަނީ

އިންޑިއާ ސަރުކާރުގެ އަމުރަށް ވަކި އެކައުންޓްތަކެއް ބަންދުކުރަން ތައްޔާރު ކަމަށް އެކްސް (ޓްވިޓާ) އިން ބުނެފި އެވެ. އެކްސްއިން އަދި ބުނީ ބަންދުކުރާ އެކައުންޓްތައް ކަނޑައަޅާނީ އިންޑިއާ ސަރުކާރުން ކަމަށެވެ.

އެކްސް އިން ބުނި ގޮތުން އެއްވެސް އެކައުންޓެއް ބަންދުކުރުމަކީ ކުންފުނީގެ ސިޔާސަތެއް ނޫނެވެ. ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅޭ އެއްވެސް ކަމަކަށް ތާއީދުނުކުރާ ކަމަށްވެސް ބުންޏެވެ.

އެކްސްގައި މީހަކު ހިންގާ ވަކި އެކައުންޓެއްގެ ވަކި ޕޯސްޓެއް މަނާކުރުމަށް އިންޑިއާ ސަރުކާރުން އެދިފައި އޮތް ކަން އެކްސް އިން ޔަގީންކޮށްދެ އެވެ.

އިންޑިއާގައި އެކްސް ބޭނުންކުރާ މީހުން އުޅެނީ މިލިއަނުން މަތީގަ އެވެ. މީގެ ތެރެއިން އިންޑިއާ ސަރުކާރަށް ހުރަސްއަޅާ އެކައުންޓްތައް -- އަދި ބަންދުކުރަން ޖެހޭ އެކައުންޓްތަކާއި ޕޯސްޓްތައް ބަންދުކުރުމުގެ ކުރިން ވެރިފަރާތަށް އަންގަން ޖެހޭ އެންގުން މިހާރު އަންގާފއިވާނެ ކަމަށްވެސް އެކްސްގެ މެނޭޖްމަންޓުން ބުންޏެވެ.

އެކްސްއިން އަދި ބުނީ އިންޑިއާ ސަރުކާރުގެ އަމުރަށް ބަންދުކުރާނީ އިންޑިއާގައި ބޭނުންކުރާ އެކައުންޓްތައް ކަމަށެވެ. ބޭރު ގައުމެއްގައި ހުރި މީހަކު އިންޑިއާ ސަރުކާރަށް ފާޑުކިޔުމަކުން އެ އެކައުންޓަށް ގޮތެއް ނުހަދާނެ ކަމަށްސް ބުންޏެވެ.

އެކްސްގައި އެކައުންޓްތައް ބޭނުންކުރުމުގެ ގަވާއިދާއި އުސޫލުތަކާ އެއް ހަމައެއްގައި ހިންގާ އެކައުންޓެއް ނަމަ ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށްވެސް މެނޭޖްމަންޓުން ބުންޏެވެ.

އެކްސް އިން ބުނީ އިންޑިއާ ސަރުކާރުގެ އެދުމަށް ބަންދުކުރާ އެކައުންޓްތަކާއި ޕޯސްޓްތައް ނުފެންނާނީ ހަމައެކަނި އިންޑިއާއަށް ކަމަށެވެ.

އިންޑިއާގައި އެކްސް ބޭނުންކުރާ ބައެއް މީހުންގެ އަމަލުތައް ހުންނަނީ ސަރުކާރަށް ކަމުދާ ގޮތަކަށް ނޫނެވެ. މިކަމާ ގުޅިގެން ބައެއް އެކައުންޓްތައް ބަންދުކުރަން ހުށަހެޅުމުން އެކްސްއިން ފުރަތަމަ ވަނީ ދެކޮޅު ހަދާފަ އެވެ.

އެކްސްއިން އިންޑިއާ ސަރުކާރަށް ތަބާނުވުމުން، އިންޑިއާގައި އެކްސް ބަންދުކުރާނެ ކަމަށް ބުނެ ވަނީ އެކްސްއަށް އިންޒާރު ދީފަ އެވެ.

އިންޑިއާ ހައިކޯޓުގެ އަމުރަށް ތަބާވުން ލާޒިމުވާ ގޮތަށްވެސް އިންޑިއާގައި ކޮންޓެންޓް ޝާއިއުކުރުމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މި އުސޫލުގެ ދަށުން އިންޑިއާގައި ޝާއިއުކުރެވޭ މައުލޫމާތު، ޝާއިއުކުރަން ޖެހޭނީ ވަކި މިންގަނޑަކުން -- ސަރުކާރަށް ކަމުދާ ގޮތަށެވެ.

އިންޑިއާގައި އެކްސް ބޭނުންކުރާ ބައެއް މީހުން ބުނާ ގޮތުން މިހާރު ވެސް އެ މީހުންގެ އެކައުންޓްތައް ހުރީ ބަންދުކޮށްފަ އެވެ.