ދުނިޔެ

ބްރެޒިލްގައި އެކްސް ބޭނުންކުރުން މަނާކޮށްފި

ބްރެޒިލްގެ ސްޕްރީމް ކޯޓުން އެ ގައުމުގައި އެކްސް މަނާކޮށްފި އެވެ.

ކޯޓު އަމުރާ ޚިލާފަށް އެކްސް ބޭނުންކުރުމަށް ވީޕީއެން ފަދަ ޓެކްނޮލޮޖީއެއް ބޭނުންކޮށްފި ނަމަ 9،000 ޑޮލަރާ ހަމައަށް އެ މީހަކު އަދި ވިޔަފާރި ކުންފުނިވެސް ޖޫރިމަނާކުރާނެ ކަމަށް ބްރެޒިލްގެ ސްޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.

ބްރެޒިލްގެ ސްޕްރީމް ކޯޓުން، ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސް ނެރުއްވި އަމުރުގައި އެކްސްއާ ބެހޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް އޮތީ ކުރައްވާފަ އެވެ. މި ގޮތުން ބްރެޒިލްގައި ތިބި ޚާއިނުންނާ ގުޅިގެން ދައުލަތަށް ޖެއްސުންކުރަން އެކްސްއިން އެހީތެރިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވި ގޮތުގައި ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސް އަކީ ޑިމޮކްރަސީ ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އޭނާ އަކީ ރައްޔިތުންގެ އެއްވެސް ހިއްސާއެއް ނެތި ފަނޑިޔާރެއްގެ މަގާމަށް ވަޑައިގެންފައި ހުންނެވި ބޭފުޅަކަށް ވާތީ -- އާންމު ރައްޔިތުންގެ އިހުސާސް އެނގިވަޑައި ނުގަންނަވަނީ ކަމަށް ވެސް، މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ވިދާޅުވި އެވެ.

އީލޮން މަސްކް ވިދާޅުވި ގޮތުގައި އެކްސް އާއި ބްރެޒިލްއާ ދެމެދު ނުތަނަވަސްކަން އުފެދެން މެދުވެރިވީ ވެސް ފަނޑިޔާރު ފަނޑިޔާރު އެލެގްޒަންދަރޭ ޑީ މޮރޭސް އެވެ. އޭނާ ވަނީ ބްރެޒިލްގައި ބޭނުންކުރެވޭ އެކްސްގެ އެކައުންޓްތަކެއްގެ މައުލޫމާތު ހޯދުމަށް އެދިވަޑައިގެންފައި ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.

ބްރެޒިލަށް މައުލޫމާތު ބޭނުންވެގެން އެކްސްއަށް ހުށަހެޅި ބައެއް އެކައުންޓްތަކަކީ އެ ގައުމުގެ ގާނޫންހަދާ މަޖިލީޙުގެ މެމްބަރުން ބޭނުންކުރައްވާ އެކައުންތަކެއް ކަމަށް މަސްކް ވިދާޅުވި އެވެ.

އާންމު ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެން ގާނޫންހަދާ މަޖިލީހަށް ހޮވިވަޑައިގެންފައި ތިބި މެމްބަރުން ބޭނުންކުރައްވާ އެކައުންޓްތަކާ ގުޅޭ މައުލޫމާތު -- ސްޕްރީމް ކޯޓުން އެދުނު ގޮތަށް -- އެކްސްގެ މެނޭޖްމަންޓުން ނުދިނުމުން ކަންތައް ގޯސްވީ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.

މަސްކް އަދި ވިދާޅުވި އެކްސްއާ ބެހޭ މައްސަލަތަކެއް ބްރެޒިލްގެ ކޯޓަށް ހުށަހަޅައި، ދެކޮޅަށް ދުވާނެ ވަކީލަކު އެކްސްއިން އައްޔަންކުރުމަށް އެލެގްޒަންދަރޭ ޑީ މޮރޭސް 24 ގަޑިއިރު ދެއްވި ކަމަށެވެ.

އެއީ އެކަން އޮންނަވާނެ ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ވަކީލަކު ހަމަނުޖައްސަވާ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ބްރެޒިލްގައި އެކްސް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލެއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްކް ވިދާޅުވީ ބްރެޒިލްގައި އެކްސް މަނާކުރީ ދުނިޔެ ހިނގާ ގޮތް ނޭނގޭތީ އެވެ. އެކްސް އަކީ ވަކި ގައުމުމެއް އަދި ވަކި ފަރުދެއްގެ މަސްހަލަތަށް އިސްކަންދީގެން ހިންގާ ކުންފުންޏެއް ނޫން ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.