ދުނިޔެ

ބްރެޒިލްގައި އޮފީސް ބަންދުކޮށް ހިދުމަތް ހުއްޓާލަނީ

ބްރެޒިލްގައި އެކްސްގެ ހިދުމަތް ހުއްޓާލާނެ ކަމަށް އެކްސްގެ މެނޭޖްމަންޓުން ބުނެފި އެވެ.

އެކްސް (ޓްވިޓާ) އަކީ އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކްގެ އަމިއްލަ ސޯޝަލް މީޑިއާ -- މައިކްރޮބްލޮގިން ނެޓްވޯކެވެ.

އެކްސްއިން ނެރުނު ބަޔާނެގައި ބުނެފައިވާ ގޮތުން ބްރެޒިލްގައި އެކްސްގެ ހިދުމަތްތައް ހުއްޓާލަން ޖެހުނީ އެ ގައުމުގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އެލްގްޒެންޑަރު ޑީ މޮރޭސްއޭ ދެއްވި އިންޒާރުތަކާ ގުޅިގެންނެވެ.

ބްރެޒިލްގެ އިދާރާތަކުން އަންގާ ގޮތަށް ކޮންޓެންޓްތައް ސެންސަރު ނުކުރާނަމަ އެ ގައުމުގައި ތިބި އެކްސްގެ އޮފިޝަލުން ހައްޔަރުކުރާނެ ކަމަށް ސްޕްރީމް ކޯޓުގެ ފަޑިޔާރު ވިދާޅުވި ކަމަށް އެކްސްއިން ބުންޏެވެ.

އެކްސް ނެޓްވޯކަކީ ވަކިކޮޅަކަށް ބުރަނުވެ އަދި ސިޔާސީ ގޮތުން ވަކި ވިސްނުމަކަށް ތާއީދުކުރާ ނެޓްވޯކެއް ނޫން ކަމަށް އެކްސްގެ މެނޭޖްމަންޓުން ބުންޏެވެ. އެކްސްގެ މި ސިޔާސަތު ބްރެޒިލުން ބަލައިނުގަންނަ ކަމަށް ވަނީ ބުނެފަ އެވެ.

އެކްސްގެ ސިޔާސަތާ ބެހޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް -- ހުށަހެޅި އެއްވެސް ލިޔުމެއް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ބަލައިނުގަތް ކަމަށް ވެސް އެކްސްގެ މެނޭޖްމަންޓުން ބުންޏެވެ.

އެކްސްގެ ބަޔާނުގައި ބުނެފައިވާ ގޮތުން ސްޕްރީމް ކޯޓުން އެކްސްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނާއިރު އެއިން އެއްވެސް ކަމެއް އެ ގައުމުގެ އާންމުންނަކަށް ނޭނގެ އެވެ.

ބްރެޒިލްގައި އެކްސް ހުއްޓާލަން ޖެހުނީ ސްޕްރީމް ކޯޓުގެ އުނދަގުލާ ހެދި ކަމަށް ބުނެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ހިދުމަތް ހުއްޓާލައި ގައުމުން ބޭރުވާން ނިންމީ މުވައްޒަފުންގެ ހައްގުގައި ކަމަށެވެ.

އެކްސްގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ ވަގުތެއްގައިވެސް ހައްޔަރުކޮށްފާނެ ކަމަށް ހީވުމުން މިކަން މިގޮތަށް ނިންމީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.