ޔޫރަޕިއަން ޔޫނިއަންއާ ދެކޮޅަށް ނުވަތަ އީޔޫގެ ޝައުގުވެރިކަމާ ދެކޮޅަށް އެކްސްގައި ދައްކާފައި ހުންނަ ވާހަކަތައް -- ވާނުވާއެއް ނޭނގޭ ގޮތަށް ފޮހެލައި ނައްތާލަން ޝަރުތުކޮށް، ޔޫރަޕިއަން ކޮމިޝަނުން އެކްސްއަށް ރިޝްވަތު ހުށަހެޅި ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އެކްސް އަކީ އީލޮން މަސްކްގެ އަމިއްލަ މައިކްރޮބްލޮގިން ޕްލެޓްފޯމެކެވެ. އެކްސްގައި ޝާއިއުކުރާ ހުރިހާ ލިޔުމެއް، ކުރެހުމެއް އަދި މަންޒަރެއް ނަމަވެސް ނައްތާލުމުގެ ހުރިހާ ބާއެއް އޮތީ އީލޮން މަސްކްގެ އަތްމަތީގަ އެވެ.
އެކްސްގެ ސީއީއޯ އީލޮން މަސްކް ވިދާޅުވި ގޮތުގައި ޔޫރަޕިއަން ކޮމިޝަނުން ހުށަހެޅީ ޔޫރަޕްގެ ގާނޫނުތަކާ ހިލާފު ހުށަހެޅުމެކެވެ.
އެ ކޮމިޝަނުން އެދޭ ގޮތަށް އެކްސްއިން ކޮންޓެންޓްތަކަށް ބަދަލު ގެނެސްދޭނަމަ -- އެކްސްއާ ދެކޮޅަށް ޔޫރަޕްގައި އެއްވެސް މައްސަލައެއް ނުހިންގާނެ ކަމަށް އިޔޫއިން ބުނި ކަމަށް މަސްކް ވިދާޅުވި އެވެ. އަދި އެކްސްއާ ދެކޮޅަށް ދައުވާކުރުމާއި ޖޫރިމަނާ ކުރުމަކީވެސް ނުކުރާނެ ކަމެއް ކަމަށް ބުނި ކަމަށް މަސްކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީޔޫގެ މި ހުށަހެޅުން ބައެއް މީޑިއާ ކުންފުނިތަކުން ގަބޫލުކޮށް ރިޝްވަތު ނެގި ކަމަށެވެ.
މަސްކް ވިދާޅުވި ގޮތުގައި އެކްސް ހިންގަނީ ފައިސާ ހުރެގެންނެވެ. އެހެނެއް ކަމަކު އެކްސް އަކީ ދަރަންޏަށް ޒިންމާވާން ޖެހޭ ކުންފުންޏަކަށް ހެއްދެވުމަށް އޭނާ ކުރައްވާ މަސައްކަތްތައް ހުއްޓައި ނުލައްވާނެ އެވެ.
ސްޕޮންސަރުންގެ އަތުން އެކްސްއަށް ފައިސާ ހޯއްދަވާނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ. އަދި ކުންފުންޏަށް ލިބޭ ފައިސާއިން ދެކޮޅު ޖައްސާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ސިއްރުތަކެއް ބޭޒާރުވާ ގޮތަށް އީލޮން މަސްކް ވާހަކަދެއްކެވި ސަބަބަކީ އެކްސްއާ ދެކޮޅަށް އެ ކޮމިޝަނުން މައްސަލަތަކެއް އުފެއްދުމުންނެވެ.
ޔޫރަޕިއަން ކޮމިޝަން ބުނާ ގޮތުން އެކްސްގެ ސަބަބުން ވާހަކަދެއްކުމުގެ މިނިވަން ކަމަށް ހުރަސްއެޅެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ދެއްކީ އެކްސްގައި "ބުލޫ ޓިކް" (ނޫކުލައިގެ ރަނގަޅު ފާހަގަ) ދިނުމަށް ގެންގުޅޭ ސިޔާސަތެވެ.
އެކްސްގެ މި ސިޔާސަތަކީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންނަށް އޮތް މަޖުބޫރީ ހާލަތެއް ކަމަށް ބުނެ އެކަން ސާފުކުރުމަށް އީޔޫއިން ވަނީ މަސައްކަތް ފަށާފަ އެވެ.