ދުނިޔެ

ސްޕޭސް އެކްސްއިން 48 ސްޓާލިންކް ސެޓެލައިޓް ފޮނުވައިފި

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިޔަނަރު -- އީލޮން މަސްކްގެ އަމިއްލަ ޖައްވީ ކުންފުނި -- ސްޕޭސް އެކްސްއިން 48 ސްޓާލިންކް ސެޓެލައިޓް އޯބިޓަށް ފޮނުވައިފި އެވެ.

ޓްވިޓާ އާއި ކަރަންޓް ކާރު ކުންފުނި -- ޓެސްލާގެ ވެރިޔާ އަކީ ވެސް މަސްކް އެވެ.

ދުނިޔެއާ ވަރަށް ގާތުގައި، ދުނިޔެ ވަށައި ބުރުޖަަހަމުންދާ ސްޓާލިންކް ސެޓެލައިޓްތަކުގެ ބޭނުމަކީ ދުނިޔެއަށް ވަރަށް އަގުހެޔޮކޮށް އިންޓަނެޓް ފޯރުކޮށްދިނުމެވެ. މަސްކް މި ޕްރޮޖެޓް ފެއްޓެވީ ވެސް މި ވައުދާ އެކު އެވެ. އެހެންނަމަވެސް، ސްޓާލިންކް ސެޓެލައިޓްތައް އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ދޫކޮށްފާނެ ކަމުގެ ޝައްކު މިހާރު އޮތީ އުފެދިފަ އެވެ.

އަނެއްކޮޅުން، އަޑި ނޭނގޭ ޕްރޮގްރާމެއްގެ ދަށުން ސްޕޭސް އެކްސްއިން އެމެެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނަށް ޖާސޫސްކޮށްދީފާނެ ކަމާ މެދުވެސް މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.

އީލޮން މަސްކްގެ ސްޕޭސް އެކްސްއިން ސްޓާލިންކް މަރުކާގެ ނަމުގައި ދުނިޔެއަށް ފެންނަހާ ތިރި އޯބިޓަކަށް އިންޓަނެޓް ސެޓެލައިޓްތައް ފޮނުވަން ފެށީ 2019 ގައެވެ.

މި ޕްރޮގްރާމުގެ ދަށުން މިއަހަރުގެ މޭގެ ނިޔަލަށް 4،000 ސެޓެލައިޓް ފޮނުވާފައިވާ ކަމަށް އާންމުކޮށް އެނގެން ހުރި އަދަދުތަކުން ފެނެ އެވެ.

ސްޓާލިންކް މަރުކާގައި އޯބިޓަށް ފޮނުވާނީ ކިތައް ސެޓެލައިޓްކަން އަދި އެކަކަށް ވެސް ނޭގެ އެވެ. އެއީ ހުދު ކުންފުނީގެ ވެރިޔާ ވެސް މި އަދަދާ މެދު ޝައްކުގެ ގޮތަށް ވާހަކަދައްކަވާތީ އެވެ.

ސްޓާލިންކް ނެޓްވޯކުގައި 12،000 ސެޓެލައިޓް ހިމެނޭނެ ކަމަށް މަސްކް ކުރިން ވިދާޅުވި އެވެ. އަދި ފަހުން 42،000 ސެޓެލައިޓަށް އިތުރުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިހާ ގިނަ އަދަދަކަށް ސެޓެލައިޓް ފޮނުވުމުގެ ބޭނުމަކީ އިންޓަނެޓް ދިނުމަށް ވުރެ ބޮޑު އެހެން ބޭނުމެއް އޮތުމުން ކަމަށް ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުން ބުނެ އެވެ.

ޗައިނާއިން މިހާރު ވަނީ ސްޓާލިންކް ސެޓެލައިޓްތަކުން އެ ގައުމަށް ސިގްނަލް ނުފޯރާ ގޮތަށް -- ސިގްނަލް ބްލޮކްކުރާ ސެޓެލައިޓް ނެޓްވޯކެއް އުފައްދާފަ އެވެ.