އީލޮން މަސްކް ޓްވީޓާގެ ޗީވް އެގްޒެކެޓިވް އޮފިސަރުގެ މަގާމާ ހަވާލުވެ ވަޑައިގަތް ފަހުން ޓްވިޓާއަށް ބަދަލެއް ނުގެން ދުވަހެއް މަދުވާނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ޓްވިޓާގައި އިސް މެނޭޖްމަންޓްގައި ތިބި މުވައްޒަފުން ވަކިކޮށް އެ މަގާމުތަކަށް އާ މުވައްޒަފުން ހަމަޖައްސަވައި މަސްކް ގެންދަވަނީ ޓްވިޓާގައި ގޭމްކުޅުއްވަމުންނެވެ.
ޓްވިޓާއަށް އިލޮން މަސްކް އެންމެ ފަހުން ގެންނެވި ބަދަލަކީ ދުވާލެއްގެ މައްޗަށް ޓްވީޓްތައް ފެންނަ އަދަދު ދަށްކުރުމުވެ.
މި ގޮތުން "ވެރިފައިޑް" އެކައުންޓްތަކަށް ދުވާލަކު ފެންނަ ޓްވީޓްގެ އަދަދު 6،000 އަށް ބަދަލުކުރައްވައި -- ޓްވީޓާ ބޭނުންކުރާ މީހުންގެ ފަރާތުން ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރަށް، އެ އަދަދު މިހާރު ވަނީ 8،000 އިތުރުކޮށްފަ އެވެ.
ވެރިފައިޑް ނުކުރާ އެކައުންޓެއް ނަމަ ދުވާލަކު 600 ޓްވީޓް -- މި އަދަދު މިހާރު 800 އަށް ބަދަލުކޮށް އަދި އަލަށް ވެރިފައިކުރާ އެކައުންޓްތަކަށް 300 ޓްވީޓް، މި އަދަދު މިހާރު 400 ޓްވީޓަށް ވަނީ ބަދަލުކޮށްފަ އެވެ.
ޓްވިޓާއަށް މި ބަދަލު ގެނައުމުން ޓްވިޓާ ބޭނުންކުރާ މީހުން އެންމެ ފުރަތަމަ ހީކުރީ ޓްވިޓާގައި މައްސަލައެއް އުޅޭ ކަމަށެވެ. އަދި ޓްވީޓާ ޑައުންވީ ކަމަށް ވެސް ބަޔަކު ހީކުރި އެވެ.
މިދިއަ އަހަރުގެ އޮކްޓޯބަރުގައި 44 ބިލިއަން ޑޮލަރަށް ޓްވީޓާ ބައްލަވައިގެން މަސްކް އެންމެ ފުރަތަމަ ވެސް ވިދާޅުވީ އޮޓަމެޓިކް ބޮޓްތަކުން ޓްވީޓާ ކޮންޓްރޯލްކުރުން ހުއްޓުވާނެ ކަމަށެވެ. މާނަ އަކީ ޓްވީޓާ އެކައުންޓަކުން ދުވާލަކު ކުރެވޭ ޓްވީޓްގެ އަދަދު ކޮންޓްރޯލް ކުރައްވާނެ ކަމަށެވެ.
އާދައިގެ ބޭނުންތަކަށް ވުރެ ގިނައިން ޓްވީޓްކުރަން އެދޭ ނަމަ ޓްވިޓާއަށް ވަކި އަދަދަކަށް ފައިސާ ދެއްކުމުން އެކަން ކުރެވޭނެ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.
މަސްކްގެ ވިސްނުމުގައި ޓްވިޓާ އަކީ ފައިދާ ހަދާ ކުންފުންނަކަށް ވާން ޖެހެ އެވެ. މި ވިސްނުމުގައި ޓްވީޓާގައި ބޭނުންކުރާ "ބްލޫ މާކް" ދަރަޖަކޮށް އެކި އަގުގައި ދަނީ ވިއްކަމުންނެވެ. އަދި ވިޔަފާރި ކުންފުންޏެއް ނަމަ ނުވަތަ މީޑިއާ ކުންފުންޏެއް ނަމަ އެކައުންޓް ވެރިފައިކޮށް ޓްވިޓާްއަށް އަހަރަކު ވަކި ފީއެއް ދެއްކުން ވަނީ ލާޒިމުކޮށްފަ އެވެ.
އީލޮން މަސްކްގެ މި ބަދަލުތަކަށް ޓްވީޓާ ބޭނުންކުރާ މީހުން ފާޑުކިޔައި ހަޖޫޖެހި ނަމަވެސް، މަސްކް ވިދާޅުވީ ޓްވިޓާ ކަހަލަ ޚިދުމަތެއް ހިލޭ ލިބެންޖެހޭ ކަމަށް ދެކުމަކީ ކޮސް ވިސްނުމެއް ކަމަށެވެ.
"ހިލޭ ލިބޭނީ ކޯންޗެއް،" މަސްކް ވިދާޅުވި އެވެ. "ބައެއް ގައުމުތަކުގައި ނޭވާލާން ޖެހެނީ ވެސް ސާފުވަޔަށް އަގުދައްކައިގެން' އޭނާ ވިދާޅުވި އެވެ.