ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ފަންނާނުން އެކި އެކި ޕާޓީތަކުގައި ނަށައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަ އެވެ. އެއްވަނަ ދަރަޖައިގެ އެކްޓަރުން ވެސް ޕާޓީތަކުގައި ނަށައިގެން އެންމެ ރެއަކުން ކްރޯޑެއްހާ ރުޕީސް ހޯދަ އެވެ. ނަމަވެސް ބަތަލާ ކަންގަނާ ރަނާވަތު ބުނި ގޮތުގައި މިގޮތަށް ޕާޓީތަކަށް ގޮސް ނަށައިގެން ފައިސާ ހޯދާކަށް އޭނާ ބޭނުމެއް ނޫނެވެ.
ބައެއް ކައިވެނީގެ ހަފުލާތަކާއި ޕާޓީތަކުގައި ނަށާ މަތިން ހީނުކުރާ ވަރުގެ ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅެމުންދާ ކަމަށާއި ނަމަވެސް އެއީ އޭނާ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫންކަމަށް ކަންގަނާ ބުންޏެވެ.
ޕާޓީތަކުގައި ނަށަން ފަންނާނުންނަށް އެންމެ ބޭނުން އެކައްޗަކީ އެމީހުން ކިޔާފައި ހުންނަ ނުވަތަ ކުޅެފައި ހުންނަ މަޝްހޫރު ލަވަ ތަކެވެ. ކަންގަނާ ބުނި ގޮތުގައި އޭނާ ކުޅެފައިވާ ލަވަތަކުގެ ތެރޭގައި މޮޅަށް ޕާޓީތަކުގައި ނަށާ ލެވޭ ކަހަލަ މަޝްހޫޜު ގިނަ ލަވަތަކެއް ހިމެނެ އެވެ. ނަމަވެސް އޭނާ އެކަން ކުރަން ބޭނުން ނުވަނީ އެވެ.
ކަންގަނާ ސިފަ ކުރި ގޮތުގައި އޭނާ އަކީ ލަތާ މަންގޭޝްކަރް ކަހަލަ މީހެކެވެ. ލަތާ އަކީ ވެސް ޕާޓީތަކުގައި ލަވަ ކިޔައިގެން ފައިސާ ހޯދުމާ ދެކޮޅު މީހެކެވެ.
ލަތާގެ ކޮއްކޮ އާޝާ ބޯސްލޭ ބައިވެރިވި ރިއަލިޓީ ޝޯއެއްގައި އެ ޝޯގެ ހޯސްޓް ޖޭ ބާނޫޝާލީ ކައިރީ އާޝާ ބުނި ގޮތުގައި އޭނާގެ ދައްތަ (ލަތާ)އަށް ކައިވެނި ޕާޓީއެއްގައި ލަވަ ކިޔައިދިނުމަށް އެތައް މިލިއަން ޑޮލަރެއް ހުށަހެޅުނެވެ. ނަމަވެސް ލަތާ އެކަމަށް އެއްބަހެއް ނުވި އެވެ.
"ކައިވެނި ހަފުލާއަކަށް ގޮސް ލަވަ ކިޔައިދޭން ދައްތަ އެއްބަސްވީނަމަ ފަސް މިލިއަން ޑޮލަރު ދޭން ތައްޔާރަށް ތިބި މީހުން ވެސް ތިބި. އެކަމަކު އެމީހެއްގެ ގަދަރު ހިފަހައްޓާނީ އެމީހަކު. ދައްތަ ގަބޫލުކުރާ ގޮތުގައި އެފަދަ ތަންތަނުގައި ލަވަ ކިއުމަކީ އޭނާގެ ހުރުމަތް ކެނޑޭނެކަމެއް. އެހެންވެ ދައްތަ އެއްވެސް ޕާޓީއަކަށް އަދި ކައިވެނީގެ ހަފުލާއަކަށް ލަވަ ކިޔައިދޭކަށް ނުދޭ،" އާޝާ ބުންޏެވެ.
އޭނާއަކީ ލަތާ މަންގޭޝްކަރް ކަހަލަ މީހެއް ކަމަށް ކަންގަނާ ބުނީ އާޝާގެ މި ވާހަކަކޮޅު ހިމަނައިގެން ކުރި ޓުވީޓެއްގަ އެވެ. ކަންގަނާ ބުނީ ލަތާ ފަދައިން އޭނާ ވެސް ކިތަންމެ މިލިއަނެއް ދިނަސް ޕާޓީތަކުގައި ނަށާކަށް ނުދާނެ އެވެ.