ބޮލީވުޑް

ކަންގަނާގެ ފިލްމު ފްލޮޕްވުމުން އެންމެން ދިމާކޮށްލައިފި

ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތު އަކީ އޭނާގެ އެކްޓިން ހުނަރުގެ މޮޅުކަމާ އެއްވަރަށް އަނގަ ވެސް ގަދަ ބަތަލާ އެކެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކާ ޖައްސާލައިގެން އެމީހުންނަށް ފާޑުކިޔާ ސޯޝަލް މީޑިއާގައި އެކި ކަހަލަ ވާހަކަތައް ދެއްކުމަކީ ކަންގަނާގެ އާދައެކެވެ. އޭނާ މިހާތަނަށް އެންމެ ފޮނި ކަނޑަމުން ދިޔައީ މަޝްހޫރު އެކްޓަރުންނާ ނުލާ އޭނާ މުހިއްމު ރޯލު ކުޅެގެން ފިލްމުތައް ކާމިޔާބުވާތީ އެވެ. ނަމަވެސް ކަންގަނާގެ އެންމެ ފަހު ފިލްމު ބޮކްސް އޮފީހުގައި ބޮމެއްހެން ގޮވުމުން އޭނާގެ އަނގަ ވަނީ ބަންދުވެފަ އެވެ.

އަރްޖުން ރާމްޕާލް އާއެކު ކަންގަނާ ކުޅެފައިވާ "ދާކަޅް" ރިލީޒް ކުރިތާ ހަފުތާއެއް ވީއިރު މީހުން ފިލްމު ބަލަން ނުވަންނާތީ ގިނަ ސިނަމާތަކުން ފިލްމު ވަނީ ނަގާފަ އެވެ. އަދި ފިލްމު ރިލީޒްކުރިތާ އަށް ވަނަ ދުވަހު އިންޑިއާގެ އެކި ސިނަމާތަކުން ވިކިފައި ވަނީ މި ފިލްމުގެ އެންމެ 20 ޓިކެޓެވެ. މި 20 ޓިކެޓަށް ލިބިފައި ވަނީ 4،420 ރުޕީސް އެވެ.

އިންޑިއަން ބޮކްސް އޮފީސްގެ ޓުވީޓެއްގައި ބުނި ގޮތުގައި ބޮލީވުޑްގެ އެއްވަނަ ބަތަލާ އާލިއާ ބަޓްގެ "ގަންގޫބާއީ ކަތިއާވަޅީ" ރިލީޒް ކުރިތާ އަށްވަނަ އަށް ވީ ދުވަހު ފަސް ކްރޯޑު ރުޕީސްގެ ވިޔަފާރިވި ކަމަށެވެ. ނަމަވެސް އެންމެ މޮޅު ބަތަލާ ކަމަށް ދައުވާކުރާ ކަންގަނާގެ "ދާކަޅް"ގެ ވިޔަފާރި އުޅެނީ އެންމެ 4000 ރުޕީސްގައި ކަމަށެވެ.

ފިލްމު ބޮމެއްހެން ބޮކްސް އޮފީހުގައި ގޮވުމާއެކު ކަންގަނާ އަށް މަލާމާތް ކުރަން ތައްޔާރަށް ތިބި އެންމެން ސޯޝަލް މީޑިއާގައި އެކި ކަހަލަ މީމްސްތައް ޕޯސްޓުކޮށް ވަރަށް މަޖާ ނަގާފައި ވެއެވެ.

ކަންގަނާގެ ފިލްމާ އެއް ދުވަހަކު ރިލީޒްކުރި ކާރްތިކް އާރްޔަން އާއި ކިއާރާ އަދުވާނީގެ "ބޫލް ބުލައްޔާ 2" އަށް ހަފުތާއަކުން 100 ކްރޯޑަށް ވުރެ މަތިން ލިބިފައި ވެއެވެ.