ބިމުގެ އަޑިން ފެން ނެގުމަށް އިންޑިއާގެ ރަށްތަކުގެ މީހުން އާންމުކޮށް ވަރަށް ފުން ހަނި ވަޅުވަޅު ކޮނެފައި ބަހައްޓަ އެވެ. މިގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑުގަނޑަށް ބޮޑު މީހަކު ނުވެއްޓުނަސް ކުޑަ ކުދިން ވަރަށް ފަސޭހައިން ވެއްޓެ އެވެ. މިފަދަ ވަޅުތައް ގިނައިން ހުންނަނީ އާއްމުކޮށް ކުދިން ކުޅެ ދުވެ ފުމެ އުޅޭ ދަނޑުތަކުގައި ކަމުންނާއި ބައެއް ވަޅުތައް ބަންދުނުކޮށް ބަހައްޓާފައި ހުރުމުން ކުދިން އެ ވަޅުތަކަށް ވެއްޓުން މިހާރު ވަރަށް އާންމު ކަމަކަށް ވެފައި ވެއެވެ. އިންޑިއާގައި ހަފުތާއަކު މިފަދަ އެއް ހާދިސާ މިހާރު ހިނގާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.
މި ގޮތަށް ފުން ވަޅުތަކަށް ވެއްޓޭ ގިނަ ކުދިން ވަޅުން ނެނގޭއިރު އޮންނަނީ މަރުވެފަ އެވެ. ނަމަވެސް ދާދިފަހުން އިންޑިއާގެ އާމީގެ ޒުވާން ޓީމަކުން ވަނީ 300 ފޫޓު ފުން ވަޅަކަށް ވެއްޓުނު 18 މަހުގެ ކުޑަ ކުއްޖަކު މަރުނުވަނީސް އެ ވަޅުން ނަގައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފަ އެވެ.
އެމީހުން މިކަމުގައި ސިކުނޑީގެ ބޭނުން ވަރަށް ފުރިހަމައަަށް ބޭނުން ކޮށްފައި ވެއެވެ. އަދި އާއްމުކޮށް މިފަދަ ކުދިން ސަލާމަތްކުރަން މަސައްކަތްކުރާ ގޮތާ ތަފާތުކޮށް މި ކުއްޖާ ސަލާމަތްކުރަން މަސައްކަތް ކުރިކަން ފާހަގަ ކޮށްލެވެ އެވެ.
އާއްމު ގޮތެއްގައި މިފަދަ ކުދިން ނަގަން މަސައްކަތް ކުރަނީ އެ ކުއްޖާ ވެއްޓިފައި އޮތް ވަޅުގަނޑާ ތަންކޮޅެއް ދުރުން އެހެން ވަޅުގަނޑެއް ކޮނެ އެ ކުއްޖާ އޮތް ހިސާބާ ކައިރިވުމުން އަޑިން އެ ވަޅުގަނޑާ ދިމާލަށް ފޫ ދުއްވާލައިގެންނެވެ. މިކަމަށް އެތައް ދުވަހެއް ހޭދަވެ އެވެ. އަދި ގިނަ ފަހަރަށް މިގޮތަށް ކުއްޖާއާ ހަމައަށް ދެވޭއިރު ކުއްޖާގެ ފުރާނައެއް ނުހުރެ އެވެ.
އިންޑިއާގެ އާމީގެ ޓީމުން މިފަހަރު މި ކުއްޖާ ސަލާމަތްކުރަން ބޭނުންކުރީ މުޅިން އާ ގޮތެކެވެ.
ގުޖްރާތުގެ ސުރެންދުރަނަގަރް ޑިސްޓްރިކްޓްގައި މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި 18 މަހުގެ ކުއްޖާ ވަޅަށް ވެއްޓުމާއެކު ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން މި ވާހަކަ ކަމާ ބެހޭ އިދާރާތަކަށް އެންގި އެވެ. ކަމާ ބެހޭ އިދާރާތަކުން ވަނީ އެތަނާ މާ ދުރުނޫން ހިސާބެއްގައި ކޭމްޕް ޖަހައިގެން ތިބި އިންޑިއަން އާމީންގެ ބަޔެއްގެ ކިބައިން އެހީއަށް އެދިފަ އެވެ.
ވަގުތުން އާމީންގެ ފައުޖެއް އެ ހާދިސާ ހިނގި ތަނަށް އައިސް ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް މިފަހަރު އެ ވަޅުގަނޑާ ކައިރިން ވަޅުގަނޑެއް ކޮނުމުގެ ބަދަލުގައި އެމީހުން އިސްކުރީ ވިސްނުމެވެ. އެތަނުގައި ހުރި އާމި އޮފިސަރަކު ވަނީ މެޓަލް ބުޅިގަނޑެއް ހޯދައި އޭގައި ވަލެއް ޖަހައި ވަޅުގަނޑަށް ފައްތާފަ އެވެ. ދެން ކުއްޖާ ލައިގެން ހުރި ހެދުމުގައި ރަނގަޅަށް ބުޅިގަނޑު އެޅުވުމަށްފަހު މަޑުމަޑުން ކުއްޖާ މައްޗަށް ނެގީ އެވެ. މި ރެސްކިއު މިޝަން އަށް ނެގީ އެންމެ 45 މިނިޓެވެ.
ކުއްޖާ ނެގުނުލެއް އަވަސްކަމުން އޭނާއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ކުއްޖާއަށް ފަރުވާ ދޭން ފަށާފައިވާއިރު ޑޮކްޓަރުން ބުނަނީ ކުއްޖާގެ ފުރާނާއަށް ގެއްލުންވާ ވަރުގެ ކަމެއް މެދުވެރިވެފައި ނެތް ކަމަށެވެ.
މިކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް އިންޑިއާގެ އާމީންގެ ފައުޖުން މަސައްކަތްކުރި ކުޅަދާނަކަމަށް ގިނަ ބަޔަކު ތައުރީފުކުރިއިރު ކުއްޖާ ވެއްޓުނު ވަޅުގަނޑު ފަދަ ވަޅުގަނޑުތައް ކޮނެ މަތި ނާޅާ ބަހައްޓާ މީހުންނަށް ވަރަށް ރުޅިވެރިކަމުގެ ބަސް ތައް ވެސް މީހުން ރައްދުކޮށްފައި ވެއެވެ.