ލައިފްސްޓައިލް

ތަޅުދަނޑި ޖަހާފައި އިންދާ ކުއްޖަކު އެމްބިއުލެންސްގައި ނައްޓާލައިފި

އިންޑިޔާގެ 15 އަހަރުގެ ފިރިހެންކުއްޖަކު އެއްވެސް މީހެއް ކައިރިން ހުއްދަ ނުހޯދާ އަދި އެއްވެސް މީހަކަށް ނޭނގި ހޮސްޕިޓަލެއްގެ އެމްބިއުލެންސެއް އަށް ކިލޯ މީޓަރަށް ދުއްވައިފި އެވެ. ކެރެލާގެ ޓްރިސޫރްގައި ދިރިއުޅޭ މި ކުއްޖާ މި އެމްބިއުލެންސް ދުއްވާފައިވާ ކެރެލާގެ އެންމެ ކާރޫބާރޫ ބޮޑު މަގުތަކުންނެވެ.

މި ކުއްޖާ ދުއްވާ ޓްރިސޫރް ޑިސްޓްރިކްޓް ހޮސްޕިޓަލުގެ އެމްބިއުލެންސް އެކެވެ. މި ކުއްޖާ އަކީ ހޮސްޕިޓަލުގައި އުޅޭ މުވައްޒަފެއްގެ ދަރިއެކެވެ. އޭނާ އެ ދުވަހު ހޮސްޕިޓަލަށް އައިސްގެން އުޅުނީ ހުން އައިސްގެން ޑޮކްޓަރަށް ދައްކާށެވެ.

ހޮސްޕިޓަލުގެ ގިނަ މުވައްޒަފުންނަށް މި ކުއްޖާ އަކީ ދެކެފަރިތަ ކުއްޖަކަށް ވާތީ އޭނާއަށް އެހާ ފަސޭޙައިން ހޮސްޕިޓަލުގެ ތެރޭގައި ބޭނުން ތަނަކަށް ވަދެ އުޅެވުނީ އެވެ.

ހޮސްޕިޓަލު ތެރޭގައި މި ކުއްޖާ އުޅެނިކޮށް ބޭރުގައި ޕާކް ކޮށްފައި އޮތް އެމްބިއުލެންސްގައި ތަޅުދަނޑި ޖަހާފައި އިންތަން ފެނިގެން ގޮސް އެޔަށް އެރީ އެވެ. އަދި ސިޓީ ތެރޭގައި ދުއްވާލަން ދިޔައީ އެވެ.

މައްސަލަ ޖެހުނީ އަށް ކިލޯ މީޓަރަށް ދުއްވާފައި ހުއްޓާ ކުއްލިއަކަށް އެ ވެހިކަލް ހުއްޓުނީމަ އެވެ. މަގު މެދަށް އެމްބިއުލެންސެއް ހުއްޓިގެން އުޅޭތަން ފެނުމުން އެހެން ލާފައި ދިޔަ ގިނަ ބަޔަކު ހުއްޓި ބެލިއިރު އޭގެ ޑްރައިވަރަކަށް އިނީ ވަރަށް ކުޑަ ކުއްޖެއްކަން އެނގިގެން މި މީހުންގެ ހިތުގައި ޝައްކުތަކެއް އުފެދިގެން ފުލުހުންނަށް ގުޅީ އެވެ.

އެމްބިއުލެންސްގެ ހިދުމަތަކީ އޮންލައިންކޮށް ދޭ ހިދުމަތަކަށް ވާތީ ކެރެލާ ސްޓޭޓް މެޑިކަލް ސާވިސް ކޯޕަރޭޝަން އަށް ވަރަށް ފަސޭހައިން އެތާނގައި ބޭނުންކުރާ އެއް އެމްބިއުލެންސް ކަނޑައެޅިފައިވާ މެންޑޭޓް ތަކާ ހިލާފަށް މަގުމަތީގައި އޮތްކަން އެނގުނެވެ. އަދި ވަގުތުން އެމްބިއުލެންސް އޮތް ތަން ލޮކޭޓްކޮށް އެތަނަށް ދިޔަ އެވެ.

ފުލުހުން މި ކުއްޖާ އާ ސުވާލުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އަދި މި އެމްބިއުލެންސް ދުއްވަން ހަވާލުވެފައިވާ ޑްރައިވަރުގެ މައްސަލަ ވަނީ ބަލަން ފަށާފަ އެވެ. އެމްބިއުލްންސްގެ ތަޅުދަނޑި ޖަހާފައި އޭނާ ދިޔައީ ކީއްވެތޯ ފުލުހުން ދަނީ އެމީހާ އާ ސުވާލު ކުރަމުންނެވެ.