ލައިފްސްޓައިލް

ޓީވީ ރިމޯޓްގެ ބެޓެރިއެއް ދިރުވާލެވުނު ކުޑަކުއްޖެއް ސަލާމަތްވީ ކިރިޔާ

އިންޑިޔާގެ ކެރެލާގެ ރަށެއްގައި ޓީވީ ރިމޯޓްގެ ބެޓެރިއެއް ދިރުވާލެވުނު ދެ އަހަރުގެ ކުޑަ ކުއްޖެއްގެ ފުރާނަ ޑޮކްޓަރުންގެ މަސައްކަތުން ސަލާމަތް ވެއްޖެ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި މި ކުއްޖާއަށް ފަރުވާދިން ނިމްސް ހޮސްޕިޓަލުގެ ގެސްޓްރޯއެންޓްރޮލޮޖިސްޓް ޖަޔަކުމާރު ވިދާޅުވީ ކުއްޖާގެ ފަރުވާ އަވަސްވުމުން އެންޑޮސްކޮޕީ ހަދައިގެން އެ ބެޓެރި ނެގުމުގެ ފުރުސަތު ތަނަވަސްވި ކަމަށެވެ.

ރިޝިކޭޝް ނަމަކަށް ކިޔާ މިކުއްޖާ ގޮވައިގެން އޭނާގެ ގެޔާ ކައިރީގައި ހުރި ހޮސްޕިޓަލަށް ދިޔައީ އޭނާގެ މައިންބަފައިންނެވެ.

"އަހަރެމެންނަށް ކުއްޖާއަށް ވީގޮތް އެނގުމާއެކު އަވަހަށް އޮޕަރޭޝަން ތިއޭޓަރު ތައްޔާރުކުރަން އަންގައި ކުއްޖާއަށް އެނެސްތީސިއާ ދިނިން. އަދި ވިއްސަކަށް މިނިޓް ތެރޭގައި އެންޑޮސްކޮޕީ ހަދައިގެން އޭނާގެ ބަނޑުން އެ ބެޓެރިބުރި ނަގައިފިން. އެ ބެޓެރި ބަނޑުގައި އެ އިންތަން ނޫން އެހެން ތަނެއްގައި ގޮސް ހަރުލިނަމަ ނަގަން ވަރަށް އުނދަގޫވެ ސީރިއަސް މައްސަލައެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް،" ޑރ. ޖަޔަކުމާރު ވިދާޅުވި އެވެ.

މި ކުއްޖާއަށް ދިރުވާލެވުނު ޓީވީ ރިމޯޓަށް ލައްވާ ބެޓެރިބުރިއަކީ ފަސް ސެންޓިމީޓަރު ދިގު އަދި 1.5 ސެންޓިމީޓަރު ފުޅާމިނުގައި ހުރި ބެޓެރިއެކެވެ. އޭނާއަށް ބެޓެރިބުރި ދިރުވާލެވުނީ އެ ބެޓެރިބުރިއާ ކުޅެން އުޅުމުގެ ތެރޭގައެވެ.