ބޮލީވުޑް

ރާޖޭޝް ކަންނާ އާއި ޑިމްޕަލްގެ ކައިވެނި އަދި ވަކިވުން

ރިޝީ ކަޕޫރާއެކު "ބޮބީ" އިން ފިލްމީ ދުނިޔެއަށް ތައާރަފްވީއިރު ޑިމްޕަލް ކަޕާޑިއާ އަށް 17 އަހަރެވެ. މި ފިލްމު 1973 ގައި ރިލީޒް ކުރުމުގެ ހަ މަސް ދުވަސް ކުރިން ޑިމްޕަލް ވަނީ އޭރު ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖަހަމުން ދިޔަ ސްޕަސްޓާ ރާޖޭޝް ކަންނާ އާ ކައިވެނިކޮށްފަ އެވެ. ފިލްމްފެއާ އަށް ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ޑިމްޕަލް ވަނީ އޭނާގެ ހަޔާތުގެ މި ދުވަސްތަކުގެ ހަނދާންތައް އާކޮށް އެ ދުވަސްވަރުގެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

"ބޮބީ" އަކީ އެ ދުވަސްވަރު ނުކުތް އެންމެ ކާމިޔާބު ފިލްމެވެ. އެއާއެކު ޑިމްޕަލް އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. އޭގެ ފަހުން 50 ވަރަކަށް އަހަރު ފާއިތުވެފައި ވީނަމަވެސް އަދިވެސް އެ ފިލްމުގެ ރީތިކަމާއި ފިލްމުގައި ޑިމްޕަލް ކުޅެފައިވާ ރީތި ޒުވާން މައުސޫމް އަންހެންކުއްޖާގެ ރޯލުގެ މަތިން ހަނދާން އެބަހުއްޓެވެ. ނަމަވެސް އޭރު ޑިމްޕަލްގެ ވާހަކަ ގިނަ ބަޔަކު ދެއްކީ "ބޮބީ" އާ ގުޅުވައިގެނެއް ނޫނެވެ. އޭނާގެ ޒާތީ ދިރިއުޅުމުގެ ވާޙަކަތަކުން ވެސް އެ ދުވަސްވަރު ނޫސް މަޖައްލާތައް އޮތީ ފުރާލާފަ އެވެ.

ޑިމްޕަލް އާއި ރާޖޭޝް ކަންނާ ފުރަތަމަ ބައްދަލުވީ ފްލައިޓެއްގެ ތެރޭންނެވެ. އޭރު "ބޮބީ" ކުޅެން ޑިމްޕަލް ސޮއިކޮށްފި އެވެ. އަދި އޭނާ އެ ދުވަހު ދަތުރު ކުރަމުން ދިޔައީ އަހުމަދުއާބާދުގައި އޮތް އިވެންޓެއްގައި ބައިވެރިވުމަށެވެ.

"އަހަންނަކީ ކުޑައިރުއްސުރެ ވެސް ވަރަށް ޑްރާމާ މީހެއް. ފިލްމީ ޝައުގު އެހާ ބޮޑު. ރާޖޭޝް ކަންނާ އިނީ އަހަރެންގެ ގޮނޑިއާ ޖެހިގެން އިން ގޮނޑީގަ. އަހަރެންނަށް އަބަދު ބެލެނީ އޭނައާ ދިމާލަށް. އެންމެ ފަހުން ބުނެފިން އަހަރެން މިދާ ތަނުގައި ވަރަށް މީހުން ގިނަވާނެދޯއޭ. އަހަރެން ފިތިދާނެދޯއޭ. އަހަރެންގެ އަތުގައި ހިފައިގެން ހުންނާނަން ދޯއޭ. އޭނާ ބުނި އާނއެކޭ. ކީއްވެހޭ ނުހިފަންވީ. އަހަރެން ބުނިން އަބަދަށްޓަކާހޭ؟ އެހިސާބުން ދެން އެވީ ކަންތައްތަކެއް ވެ ނިމުނީ،" ފުރަތަމަ ބައްދަލުވުމުގައި ކަންތައް ވީގޮތް ކިޔައިދެމުން ޑިމްޕަލް ބުންޏެވެ.

ޑިމްޕަލްގެ ވާހަކަތަކުން ރާޖޭޝް ކަންނާ އާ މަތިންބައިން ޖެހިގެން ވާހަކަދައްކާ އޭނާ ފަހަތުން އަޅުވާލައިގެން އުޅުނީ ޑިމްޕަލްކަން ޔަގީން ކުރެވެ އެވެ. ޑިމްޕަލްއަކީ ވަރަށް ޅަ އެހާމަ ރީތި އަންހެންކުއްޖަކަށް ވާތީ އަދި އުމުރުގެ ގޮތުން ބަލާއިރު ރާޖޭޝް ކަންނާއަށް ވެސް ދެ ގުނަ ހަގު ކުއްޖަކަށް ވާތީ އޭނާގެ އަދާތަކަށް ރާޖޭޝް ކަންނާ ވެސް ހެއްލުނީ އެވެ.

ޑިމްޕަލް އާއި ރާޖޭޝް ކަންނާއަށް ދެ އަންހެން ދަރިން ލިބިފައި ވެއެވެ. އެމީހުން ވަކިވާން ނިންމީ 1982 ވަނަ އަހަރު އެވެ. އެހާ ލޯބިން ކުރި ކައިވެނި މަތީގައި ދެމި ނުހުރެވި ވަކިވާން ޖެހުނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ވެސް ޑިމްޕަލް ދިނެވެ. އޭނާ ބުނި ގޮތުގައި ދެ މީހުންގެ މިޒާޖު އުޑާ ބިމާހާ ތަފާތެވެ. ރާޖޭޝް ކަންނާގެ ކެރިއަރަށް ލޮޅުން އަރައި ވަޅުޖަހަމުން ދިޔައިރު އޭނާގެ އިހްސާސްތައް ދެނެގަނެވޭ ވަރަށް ވުރެ ޑިމްޕަލް މާ ޅަ ކަމަށް އޭނާ އެއްބަސްވި އެވެ.

"އޭނާއަކީ ސުޕަސްޓާރެއް. އެހެންވެ އެފަދަ މީހެއްގެ އުޅުމާއި މިޒާޖާއި އަހަންނަށް ދަސްނުވީ،" ޑިމްޕަލް ބުންޏެވެ.

"ބޮބީ"ގެ ފަހުން ޑިމްޕަލް ފިލްމު ނުކުޅެ 10 އަހަރު ދިޔަ އެވެ. ނަމަވެސް އޭނާގެ ފިލްމީ ކެރިއަރުގެ ބިންގާ އެޅުނީ އަދި ފަހުން ވެސް ފިލްމު ކުޅޭނެ ފުރުސަތު ލިބުނީ "ބޮބީ"ގެ ސަބަބުން ކަމަށް ޑިމްޕަލް ގަބޫލު ކުރެ އެވެ. ނޫންނަމަ އޭނާއަށް ފިލްމެއް ދޭނެ އެއްވެސް މީހަކު ނުވީސް ކަމަށް ޑިމްޕަލް ބުންޏެވެ.

"ބޮބީ"އަށް އޭނާ ހޮވުނު ގޮތް ވެސް ޑިމްޕަލް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ސްކޫލްގައި ކިޔަވަނިކޮށް އެއްދުވަހަކު ނޫހަކުން އޭނާއަށް ޚަބަރެއް ފެނުނެވެ. ރާޖް ކަޕޫރުގެ ފިލްމަކަށް އާ މޫނެއް ހޯދާ ވާހަކަ އެވެ.

"އެކުވެރިން ކައިރި އަހަރެން ވަގުތުން ބުނިން އެ އާ މޫނަކީ އަހަންނޭ. އެ އުމުރުގެ ގިނަ ކުދިން އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރާނެ. އަހަރެން ވެސް ދިޔަ ގޮތަށް ގޮސް ސްކްރީން ޓެސްޓް ހަދައިފިން. ނަމަވެސް އެމީހުންނަކަށް އަހަރެން ކަމަކު ނުދިޔަ. ވަގުތުން ރިޖެކްޓްކޮށްފީ. ރިޝީ އަށް ވުރެ އަހަރެން މާ ދުވަސްވީ މީހެއްގެ ގޮތުގައި ފެންނާތީއޭ ބުނީ. ނަމަވެސް ދެ ވަނަ ފުރުސަތެއް ރާޖް ކަޕޫރު ދިނުމުން އަހަރެންގެ ހުނަރު ސާބިތުކޮށްދީގެން ފިލްމު ލިބުނީ،" ޑިމްޕަލް ބުންޏެވެ.