އަލީ ރަމީޒް

"އަލީ ރަމީޒާއެކު" އިވެންޓަށް ހުރަސް އަޅައިފި

ޖަމިއްޔަތުއް ސަލަފުން ގދ. ފަރެސްމާތޮޑާގައި މިރޭ ބޭއްވުމަށް ހަމަޖެއްސި "އަލީ ރަމީޒާއެކު" އިވެންޓް ބޭއްވުމަށް އެ ރަށު ސުކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް އަންގާ އެ އިވެންޓަށް ހުރަސް އަޅައިފި އެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުންދާ ސަލަފު ޖަމިއްޔާއިން ކޮންމެ ހަފްތާއަކު ރާއްޖޭގެ ތިން ހަތަރު ސަރަހައްދެއްގައި ދަރުސްތަކާއި ދީނީ އިވެންޓްތައް ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ހަޔާތުގެ އެކި ވާހަކަތައް ހިއްސާކުރުމަށް ޒުވާނުންނަށް ހާއްސަކޮށްގެން "އަލީ ރަމީޒާއެކު" މި ނަމުގައި ހާއްސަ އިވެންޓްތަކެއް ކުރިއަށް ގެންދެއެވެ.

އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް އޮންނަ މި އިވެންޓް މި ހަފްތާގައި ބޭއްވުމަށް ނިންމާފައި އޮތީ ގދ. ފަރެސްމާތޮޑާގައެވެ. މި އިވެންޓް ބޭއްވުމަށް އެ ރަށު ސުކޫލު ހޯލް ހޯދުމަށް އެދުމުން އެ ހޯލްވެސް ވަނީ ދީފައެވެ. އަދި އިވެންޓް ވަރަށް ބޮޑަށް އިޝްތިހާރު ކުރިއެވެ.

ނަމަވެސް އިވެންޓް ބޭއްވުމުގެ ތައްޔާރީތައް ފަށަން ވަނިކޮށް "އަލީ ރަމީޒާއެކު" އިވެންޓް ބޭއްވުމަށް ހޯލް ނުލިބޭނެ ކަމަށް ސުކޫލުގެ ޕްރިންސިޕަލް ވަނީ އަންގާފައެވެ. ކުއްލި ގޮތަކަށް މި އެންގުން އެންގީ މިއީ ސުކޫލު ކަލަންޑަރުގައި ނެތް އިވެންޓެއް ކަމަށް ބުނެއެވެ. ނަމަވެސް މިއީ ސުކޫލު ކުދީންނަށް ހާއްސަ އިވެންޓެއް ނޫނެވެ. މިއީ ރަށުގެ އާންމުންނަށް ހާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައި އޮތް އިވެންޓެކެވެ.

އަދި މި އިވެންޓް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔައީ ފަރެސްމާތޮޑާ ކައުންސިލާއި އެ ރަށުގެ އަންހެނުން ކުރިއަރާ ކޮމެޓީ ގުޅިގެންނެވެ. "އަލީ ރަމީޒާއެކު" އިވެންޓް ބޭއްވުމަށް އެ ރަށު ސުކޫލު ހޯލު ދޫކުރެވެން ނެތް ކަމަށް އަންގާ އެ އިވެންޓަށް ހުރަސް އެޅުމާއި ގުޅިގެން ކައުންސިލާއި ޑަބްލިއުޑީސީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖަމިއްޔަތުގެ ސަަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން އިބްރާހިމްވެސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝައިހް އަބްދުﷲ ވިދާޅުވީ ލާމަރުކަޒީ ލޭބަލްގައި ހިންގަމުންދާ އެމްޑީޕީގެ ކޯލިޝަން ސަރުކާރުގެ ސިސްޓަމް ގެތެރެއިން ސަލަފުގެ ފަރާތުން ގދ. ފަރެސްމާތޮޑާ ކައުންސިލާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ބޭއްވިޔަ ނުދީ ހުއްޓުވާފައިވާ ކަމަށެވެ.

ލަވައިގެ ދުނިޔޭގެ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދުމަށް ކުއްލި ގޮތަކަށް އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ އެއީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާތީ އެވެ. އޭގެ ފަހުން މިދިޔަ ދުވަސްތަކުގައި އަލީގެ ގިނަ ވަގުތުތައް ހޭދަކޮށްފައިވަނީ ދައުވަތުގެ މައިދާނުގައެވެ. އިލްމުވެރިންނާއެކު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައިވެއެވެ. "އަލީ ރަމީޒާއެކު" ސިލްސިލާ ޕްރަގްރާމްތަކަކީ އޭނާއަށް ހިދާޔަތުގެ އަލިކަން ލިބުނު ގޮތާއި ކުރީން އޮތް ބޮޑު މަޝްހޫރު ކަމުގައި ދިރިއުޅުން ހޭދަކުރި ގޮތް އާންމުންނާއި ހިއްސާކުރުމަށް ބާއްވާ ޕްރަގްރާމްތަކެކެވެ. އެ ޕްރަގްރާމްތަކުގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ރަނގަޅު ކުރުމަށް ފުރުސަތު ފަހިވެގެން ދެއެވެ.