ހަބަރު

އަވަސްގެ "ތަސްލިޔާ" ދައްކަން ފަށައިފި

ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި އަވަސް އިން ގެނެސްދޭން ނިންމާފައިވާ ސިލްސިލާ ޕްރަގްރާމް "ތަސްލިޔާ" ދައްކަން ފަށައިފި އެވެ. މި ސިލްސިލާގެ ފުރަތަމަ ޕްރަގްރާމް މިއަދު ވަނީ ގެނެސްދީފައެވެ.

ރައްޔިތުންގެ ދީނީ ހޭލުންތެރި ކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަދި ގިނަ ބައެއްގެ މަގުބޫލުކަން އޮތް ކުޅަދާނަ ހުށައެޅުންތެރިޔާ އަލީ ރަމީޒު ހުށައަޅައިދޭ މި ސިލްސިލާގެ ޕްރޮގްރާމްތައް ގެނެސްދޭނީ ކޮންމެ އާދީއްތަ ދުވަހެއްގެ މެންދުރު ފަހު 2:00 ޖަހާއިރު އަވަސް އޮންލައިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެ ގޮތުން ފޭސްބުކާއި، ޓްވިޓާ އަދި ޔޫޓިއުބުން ވަގުތުން ޕްރިމިއާ ކުރާނެ އެވެ.

ޖަމިއްޔަތުއް ސަލަފް އެހީތެރި ކަމާއެކު ގެނެސްދޭ ފަންސަވީސް މިނެޓްގެ މި ޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުންގެ ދީނީ ހޭލުންތެރި ކަމަށް ބޭނުންވާނެ ތަފާތު މައުލޫމާތުތައް ގެނެސްދޭނެ އެވެ. މި ސިލްސިލާގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެން މައުލޫމާތު ދެެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނެވެ. ތަފާތު އެކި މައުލޫތަކަށް އެ އިލްމުވެރިން ވާހަކަފުޅު ދައްކަވާ މައުލޫމާތު ހިއްސާ ކުރައްވާނެ އެވެ.

އަވަސްގެ ކިޔުންތެރިންނާއި ބެލުންތެރިންނަށް ތަފާތު ޕްރޮގްރާމްތައް ގެނެސްދިނުމަށް އަވަސްގެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ. މިހާރުވެސް ހެނދުނުގެ ޝޯއެއް ގެނެސްދެމުން ދާއިރު ހަފުތާގެ ފަސް ރޭ، ކޮންމެ ރެއެއްގެ ރޭގަނޑު 8:00 ޖަހާއިރު "އަވަސްގެ އަށެއް" ނަމުގައި ހަބަރުވެސް ގެނެސް ދެއެވެ. އެކި މުނާސަބަތުތަކާއި ގުޅުވައިގެން ވެސް ތަފާތު ޕްރޮގްރާމްތައް އަވަސް އިން ގެނެސް ދެއެެވެ.