ތަސްލިޔާ

އަލީ ރަމީޒުގެ ޕްރޮގްރާމެއް އަވަސްއިން ފަށަނީ

Dec 1, 2020
1
އަލީ ރަމީޒް ހުށަހަޅައިދޭ ޕްރޮގްރާމް "ތަސްލިޔާ" ގެ ޓްރައިލާ

އަލީ ރަމީޒު ހުށައަޅައިދޭ ދީނީ ޕްރޮގްރާމެއް އަވަސް އިން ގެނެސްދޭން ނިންމައިފި އެވެ.

"ތަސްލިޔާ" މި ނަމުގައި އަވަސް އިން ފަށާ މި ޕްރޮގްރާމް އަންނަ ހަފުތާއިން ފެށިގެން ގެނެސް ދިނުމަށް ވަނީ ނިންމާފަ އެވެ. -- މި ޕްރޮގްރާމް ގެނެސް ދޭނީ ސަލަފް ޖަމިއްޔާގެ އެހީތެރި ކަމާއެކު އެވެ.

ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރި ކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަދި ގިނަ ބައެއްގެ މަގުބޫލުކަން އޮތް ކުޅަދާނަ ހުށައެޅުންތެރިޔާ އަލީ ރަމީޒު ހުށައަޅައިދޭ މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ އާދީއްތަ ދުވަހެއްގެ މެންދުރު ފަހު 2:00 ޖަހާއިރު އަވަސް އޮންލައިންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

ފަންސަވީސް މިނެޓްގެ މި ޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުންގެ ދީނީ ހޭލުންތެރި ކަމަށް ބޭނުންވާނެ ތަފާތު މައުލޫމާތުތައް ގެނެސްދޭނެ އެވެ. މި ސިލްސިލާގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެން މައުލޫމާތު ދެެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނެވެ. ތަފާތު އެކި މައުލޫތަކަށް އެ އިލްމުވެރިން ވާހަކަފުޅު ދައްކަވާ މައުލޫމާތު ހިއްސާ ކުރައްވާނެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި، ދީނީ ގިނަ ޕްރޮގްރާމްތަކެއް މީގެ ކުރިންވެސް އަލީ ރަމީޒު ވަނީ ހުށައަޅާފަ އެވެ.

އަވަސްގެ ކިޔުންތެރިންނާއި ބެލުންތެރިންނަށް ތަފާތު ޕްރޮގްރާމްތައް ގެނެސްދިނުމަށް އަވަސްގެ ޓީމުން ދަނީ ތައްޔާރުވަމުންނެވެ. މިހާރުވެސް ހެނދުނުގެ ޝޯއެއް ގެނެސްދެމުން ދާއިރު ހަފުތާގެ ފަސް ރޭ، ކޮންމެ ރެއެއްގެ ރޭގަނޑު 8:00 ޖަހާއިރު "އަވަސްގެ އަށެއް" ނަމުގައި ހަބަރުވެސް ގެނެސް ދެއެވެ. އެކި މުނާސަބަތުތަކާއި ގުޅުވައިގެން ވެސް ތަފާތު ޕްރޮގްރާމްތައް އަވަސް އިން ގެނެސް ދެއެެވެ.