މީރާ

މީރާއަށް މެއި މަހު 1.3 ބިލިއަން ރުފިޔާ ބަލައިގެންފި

Jun 10, 2022

ދައުލަތުގެ ޓެކްސް އިދާރާ -- މީރާ އަށް މިދިޔަ މެއި މަހު އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 495.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މެއި މަހު ލިބިފައިވަނީ 786.3 މިލިއަން ރުފިޔާ އެވެ.

މީރާ އަށް މިދިޔަ މެއި މަހު ބަލައިގަނެފައިވާ 1.3 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި 53.5 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.

މިއަހަރުގެ މެއި މަހު މީރާ އަށް ލިބުނު އާމްދަނީ އަކީ މެއި މަހު ލިބޭނެ ކަމަށް މީރާ އިން ކުރިން ލަފާ ކުރި އަދަދަށް ވުރެ 12.8 ޕަސަންޓް އިތުރު އަދަދެކެވެ.

މިދިޔަ މެއި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ލިބުނު އާމްދަނީގެ 64.7 ޕަސަންޓް ނުވަތަ 829.4 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 8.3 ޕަސަންޓް ނުވަތަ 105.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކްސްގެ ގޮތުގަ އެވެ. އެއީ 7.5 ޕަސަންޓް ނުވަތަ 96.6 މިލިއަން ރުފިޔާ އެވެ.

މެއި މަހު ލިބުނު ބައެއް އިތުރު އަދަދުތައް

  • ޓޫރިޒަމް ލޭންޑް ރެންޓް - 46.6 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 60.6 މިލިއަން ރުފިޔާ
  • ވޯކްޕަމިޓް ފީ - 35.9 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކްސް - 59.8 މިލިއަން ރުފިޔާ
  • ބިޒްނަސް ޕްރޮފިޓް ޓެކްސް - 5.4 މިލިއަން ރުފިޔާ
  • ޖޫރިމަނާ - 7.7 މިލިއަން ރުފިޔާ

ނިމިގެން ދިޔަ 2021 ވަނަ އަހަރު މީރާ އަށް އާމްދަނީގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 2020 ވަނަ އަހަރު މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 5.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް 2020 ވަނަ އަހަރު ލިބުނީ 10.5 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް މީރާ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މިމުއްދަތުގައި މީރާ އަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީރާ އަށް މިދިޔަ އަހަރުގެ މެއި މަހު އާމްދަނީގެ ގޮތުގައި ލިބުނީ 6.3 ބިލިއަން ރުފިޔާ އެވެ.