އެސްޓީއޯ

އެސްޓީއޯ ހުޅުމާލޭ ހޮޓާ ތަރައްގީކުރަން އިތުުރު ޕާޓްނަރެއް ހޯދަނީ

ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުން އަންނަ ފައިވް ސްޓާ ހޮޓެލް ތަރައްގީކޮށްދޭނެ ޕާޓްނަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދުވިދާޅުވީ، ހުޅުމާލޭގައި ފަސް ތަރީގެ ހޮޓަލުގައި މަސައްކަތުގެ ބޮޑުބައި މިހާރު ވެސް ނިމިފައިވާ ކަމަށާއި އެ ހޮޓާ ތަރައްގީ ކުރަން އިތުރު ޕާޓީއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް އިއުލާން ވެސް ކޮށްފައިވާ ކަމަށެވެ.

"ހޮޓަލްގެ މަސައްކަތް ކުރިއަށް އެބަދޭ، ހޮޓެލްގެ މުސްތަގުބަލް އަޅުގަނޑުމެންނަށް ދަންނަވަން އެނގޭނީ މި އެނައުންސްމެންޓްގެ ސަބަބުން އެސްޓީއޯއަށް ލިބޭ ޕްރޮޕޯސަލްތަކަށް ބަލާފައި އެސްޓީއޯގެ ބޯޑުން ނިންމާ ނިންމުންތަކަށް ވެސް ބަލާފައި،"

ޝަހީރު ވިދާޅުވީ، އެސްޓީއޯގެ ބޯޑުން ބޮޑަށް އިސްކަންދެނީ އާ ވިޔަފާރިއެއްގެ ތެރެއަށް ވަނުމުގެ ބަދަލުގައި އެސްޓީއޯއިން ކުރާ ހަތަރު ވިޔަފާރި އިތުރަށް ތަރައްގީކުރަން ކަމަށެވެ.

"ބޯޑުން މިހާރު ގެންގުޅޭ ޕޮލިސީއަކީ އަޅުގަނޑުމެން ވިޔަފާރިކުރާ މައިގަނޑު ހަތަރު ދާއިރާއަށް ކޮންސެންޓްރޭޓްކުރުން،"

އެސްޓީއޯއިން ހުޅުމާލޭގައި އިމާރަތްކުރާ ފަސްތަރީގެ ހޮޓަލަކީ 250 ރޫމް އަދި 500 އެނދު ހުންނަ ހޮޓަލަކެވެ. އެތާނގައި ޝޮޕިން ސެންޓަރެއްގެ އިތުރުން މީޓިން ރޫމަކާއި އަދި ސިޓީ ހޮޓަލެއްގައި ހުންނަންޖެހޭ ހުރިހާ ފެސިލިޓީ ތަކެއް ހުރެ އެވެ. އަދި ސިޓި ހޮޓަލުން ހިދުމަތް ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް ހިދުމަތް ލިބޭނެ އެވެ.

ކުރިން އެސްޓީއޯއިން ބުނެފައި ވަނީ ފަސް ތަރީގެ ހޮޓަލުން ހިދުމަތް ދޭން ފެށުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެ ހޮޓަލުގެ ސަބަބުން އެސްޓީއޯގެ ޝެއާ ވެލިއު މަތިވެގެން ދާނެ ކަމަށާއި އެސްޓީއޯއަށް ދިމާވެފައިވާ ކޭޝް ފްލޯގެ މައްސަލައަށާއި ބޭރު ފައިސާ ލިބުން ދަތިވެފައިވާ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށެވެ.

އެސްޓީއޯގެ ހުޅުމާލޭގެ ހޮޓެލް ހިންގުމަށް އެމެރިކާގެ ކާލްސަން ގުރޫޕާއެކު 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، ހޮޓެލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2012 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އަދި އޭރު އެސްޓީއޯ އިން ބުނެފައިވަނީ 115 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ހޮޓަލުގެ މަސައްކަތްތައް ނިންމާ 2013 ވަނަ އަހަރުގެ ތެރޭގައި ހޮޓާ ހިންގަން ފެށޭނެ ކަމަށެވެ. އެންމެފަހުން އެ ހޮޓެލް ނިންމާނެ ތަރީހެއް ކަމަށް އެސްޓީއޯއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި ހަދަމުންދާ ފަސް ތަރީގެ ހޮޓަލުގެ މަސައްކަތްތައް ނިންމުމަށް އެސްޓީއޯއިން ތައިލެންޑްގެ އެގްޒިން ބޭންކުން 33 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ.