އެސްޓީއޯ

އެސްޓީއޯގެ "ސްމާޓް ސްޓޯ" ހުޅުވައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޭޝިއަރެއް އަދި ސޭލްސް މަނެއް ވެސް ބޭނުންނުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިންގާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ ފިހާރަ ކުރިންވެސް ހިންގި ތަނުގައި ހަދާފައިވާ އެސްޓީއޯގެ "ސްމާޓް ސްޓޯ" މިއަދު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި މެދުވެރިކޮށް ހުރިހާ މުއާމަލާތެއް ކުރާ ގޮތަށް އިންތިޒާމުކޮށްފައިވާ މި ފިހާރައަކީ ރާއްޖޭގައި ހިންގާ އެންމެ ފުރަތަމަ ސްމާޓް ފިހާރަ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ފިހާރަތައް ހިންގާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މި ފިހާރައިން ވިޔަފާރީ ކުރެވޭނީ އެސްޓީއޯ ސްމާޓް ސްޓޯ އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީވެ ބޭންކު ކާޑުގެ މައުލޫމާތު ދީގެންނެވެ. އެއަށްފަހު ބޭނުންވާ އެއްޗެެއް ނަގައިގެން ފިހާރައިން ނިކުތުމުން އެ ނެގި އެއްޗަކަށް ލާރި ކަނޑާނެ އެވެ. ފިހާރާގައި ހަރުކޮށްފައި ހުންނަ އޭއައި ކެމެރާތަކުގެ ޒަރިއްޔާއިން ފިހާރާގައި ހުންނަ މުދާތައް ގުނާ ބަލަ އެވެ.

މިފިހާރައިން ލިބިގެންދާނެ އެންމެ ބޮޑު ފަސޭހަ އަކީ ކޭޝިއަރެއް ގާތަށް ދާންނުޖެހި އަވަސްކަމާއެކު ވިޔަފާރީ ކުރެވުމެވެ. އެގޮތުން "ގޮރެބް އެންޑް ގޯ" ނިޒާމަށް ވިޔަފާރީ ކުރެވުމަކީ ވަގުތު ސަލާމަތްވެ އޮޅުން އަރާލެއް ކުޑަވާނެ ކަމެއްގެ ގޮތުގައި އެސްޓީއޯ އިން ބުނެ އެވެ.

މިއީ ހިދުމަތް ދިނުމުގައި އެއްވެސް މުވައްޒަފެއް ނޫޅޭ ފިހާރައަކަށްވީ ނަމަވެސް އެސްޓީއޯ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް ގޯހެއް ހިނގާފާނެ ކަމަށް ކަންބޮޑުވާން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.