އެސްޓީއޯ

ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވަތްތައް ބަހަން ފަށައިފި

ރޯދަ މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް ބަހަން ފަށައިފި އެވެ.

މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މާލޭގައި ކާޑުގެ ބާވަތްތައް ބަހަނީ ގަލޮޅު ދަނޑާއި ސޯޝަލް ސެންޓަރުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައިގަ އެވެ.

ވިލިމާލޭގައި ހަނޑޫ އަދި ފުށް ބަހަނީ ބިއްރި މިސްކިތުގަ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކާޑުގެ ބާވަތްތައް ބަހާނީ އުމަރު ޒާހިރު ބިލްޑިންގަ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ތަކެތި ބަހާނީ ހިޔާ 10 ވަނަ ޓަވަރުގައި ހުންނަ ޔޫތު ސެންޓަރުންނެވެ.

ރޯދަ މަހުގެ ކުރިން މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:30 އަށެވެ. ރޯދަ މަހު ކާޑުގެ ބާވަތްތައް ބަހާނީ ހެނދުނު 9:00 އިން މެނދުރުފަހު 1:00 އަށް އަދި ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށެވެ.

މާލެ ސަރަހައްދުގައި ކާޑުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ހަރަދުގައި 10 ކިލޯގެ ބާސްމަތީ ހަނޑޫ އަދި 10 ކިލޯގެ ފުށް ބެހުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުން ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް ދޫކުރަން ނިންމާފައިވަނީ އެ މީހަކު ދިރިއުޅޭ ގޭބިސީގެ ކަރަންޓް މީޓަރު ނަންބަރާއި އައިޑީ ކާޑު ހިފައިގެން ދިއުމުންނެވެ.