އެސްޓީއޯ

އެސްޓީއޯ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވަނީ

Feb 21, 2023

އެސްޓީއޯ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ރޯދައަށް ހާއްސަކޮށްގެން ހުޅުވާ މި ފިހާރަ އަންނަ މަސް ނިމުމުގެ ކުރިން ހުޅުވުމަށް އެސްޓީއޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ މި ފިހާރަ ހުޅުވުމާ އެކު އެސްޓީއޯ އިން ވިއްކާ މުދާ އަދި ރޯދައަށް ހާއްސަކޮށްގެން ވިއްކާ އަލުވި، ބިސް، ފިޔާ ހޯލްސޭލް އަދި ރީޓެއިލްކޮށް ގަންނަން ލިބޭނެ ކަމަށެވެ.

ވިނަރެސް ފްލެޓެއްގެ ތިރީގައި މި ފިހާރަ ހުޅުވަން ނިންމީ ހުޅުމާލޭގައި މިވަގުތު އެސްޓީއޯގެ އެއްވެސް ފިހާރައެއް ހުޅުވާފައި ނެތުމުން ރައްޔިތުންގެ ޝަކުވާ ލިބޭތީއާއި ރައްޔިތުންނަށް ވީހާވެސް ރަނގަޅު އަގެއްގައި މުދާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިފިހާރަ ހުޅުވުމުން މުދާ ލިބުން އަވަސްވެ ބޭނުންވާ ގިނަ މުދާ އެއް ތަނަކުން ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ކުރިން ހުއްޓެވެ. މި ފިހާރަ މީގެދުވަސްކޮޅެއް ކުރިން މަރާމާތަށް ވަނީ ބަންދުކޮށްފަ އެވެ.

ފުރަތަމަ ފިޔަވަހީގައި މަރާމާތު ކުރާ އެސްޓީއޯގެ ފިހާރަ ދެން ހުޅުވާ ހިދުމަތްދޭއިރު ސޭލްސްމަނުންނާއި ކޭޝިއަރުން ނުތިބޭނެ އެވެ. މިފިހާރަ ވެގެންދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ހިދުމަތްދޭ ފުރަތަމަ ފިހާރައަށެވެ.