އެޗްޑީސީ

ތިން ޕާޓީއަކުން އެސްޓީއޯ ހޮޓަލަށް ޝައުގުވެރިވެއްޖެ

އެސްޓީއޯއިން ހުޅުމާލޭގައި ހަދާފައިވާ ސިޓީ ހޮޓާ ހިންގަން ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހޮޓާ އިތުރަށް ތަރައްގީކޮށް ހިންގަން ތިން ޕާޓީއަކުން ކުރިމަތިލާފައިވާ ކަމަށެވެ. ނަމަވެސް ޕާޓީތަކުގެ މައުލޫމާތު އެ ކުންފުނިން ހާމަކުރާނީ ފަހުގެ ތާރީހެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝައުގުވެރިވި ޕާޓީތަކުގެ ހުށަހެޅުންތައް އެޗްޑީސީގެ ކޮމިޓީއެއްގައި އުސޫލުތަކުގެ ތެރެއިން ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އެ މަސައްކަތް ނިމުމުން ވަކި ޕާޓީއެއް ކަނޑައަޅަން ހުށަހަޅާނީ ކުންފުނީގެ މެނޭޖްމަންޓް ބޯޑުގެ ހުއްދަ އަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯގެ ހޮޓާ ހަދާފައިވާ ބިމަކީ އެޗްޑީސީގެ ބިމެކެވެ. މި ހޮޓާ ބަޔަކަށް ކުއްޔަށް ދިނުމަށް ނުވަތަ ވިއްކާލުމަށް އެސްޓީއޯ އިން މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އެސްޓީއޯއަށް ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. އެހެންވެ އެސްޓީއޯއިން ވަނީ އެޗްޑީސީއާއެކު ލީސް އެގްރިމެންޓެއް ހަދާފަ އެވެ. މި އެގްރިމެންޓްގެ ދަށުން އެސްޓީއޯ ހޮޓާ ހިންގައި ދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އެޗްޑީސީން މިއަދު ބުނީ ހޮޓާ ހިންގަން ބަޔަކާ ހަވާލު ކުރުމާއެކު ހޮޓާގެ ވެރިފަރާތަކަށް ވާނީ އެތަން ހިންގަން ދެން ހަވާލުވާ ފަރާތެއް ކަމަށެވެ.

ހުޅުމާލޭގައި 70 ޕަސެންޓް މަސައްކަތް ނިންމާފައިވާ ފަސްތަރީގެ ހޮޓަލަކީ ކުރިން ވިއްކާލަން ނިންމައި އަދި ފަހުން އެސްޓީއޯ އިން އަމިއްލައަށް ހިންގަން ނިންމި ހޮޓަލެކެވެ. އެސްޓީއޯ އިން މި ހޮޓާ ހެދުމަށް ތައިލެންޑުގެ އެގްޒިމް ބޭންކުން 10 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ކުރިން ނަގާ، ހޮޓާ ހުޅުވަން ގިނަ ހަރަދުތަކެއް ވެސް ކޮށްފައިވެ އެވެ.

އެމެރިކާގެ ކާލްސަން ގުރޫޕާއެކު ހޮޓާ ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ހޮޓަލަކީ 250 ކޮޓަރި ހިމެނޭ ތަނެކެވެ. އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ.

އެސްޓީއޯ ޓޫރިޒަމަށް ނުކުންނަން ބޭނުންވެ 25 އަހަރަށް ހުޅުމާލެ އިން ހޯދި ބިމުގައި 60 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކުން އަޅާފައިވާ ހޮޓާ "ގަލަށް ބަދަލުވެފައި" ވާއިރު، ފިހާރަތަކާއި ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލްތައް ހިމެނޭ ހޮޓާ މިހާރު ބޭނުން ކުރަނީ އެސްޓީއޯގެ މުދާ ރައްކާކުރާ ގުދަނަކަށެވެ.