ހަބަރު

އެސްޓީއޯ ހޮޓާ ނިންމަން އެޗްޑީސީއާއެކު އެއްބަސްވެއްޖެ

Jul 22, 2020
1

އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ ހޮޓަލުގެ މަސައްކަތް ނިންމަން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭގައި ހޮޓާ އަޅަން އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން 2018 ވަނަ އަހަރު ނިންމި އެވެ.

އެސްޓީއޯ އިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ހޮޓާ ގަންނަން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާކޮށް އެކަން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ.

އެސްޓީއޯގެ ހޮޓާ ގަންނަން ފަސް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ. ހޮޓަލަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާ އަދި ޗައިނާގެ އިތުރުން އިންޑިއާގެ ކުންފުނިތަކުންނެވެ. ނަމަވެސް މަޝްވަރާ ކުރާ ކުންފުނިތަކުގެ ނަމެއް އެ ކުންފުނިން ނުބުނެ އެވެ.

އެހެނަސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރާ އެ ހޮޓަލުގެ ބޮޑުބައި މިހާރުވެސް ނިމިފައިވާއިރު، އެ މަސައްކަތް އެކީގައި ނިންމަން އެޗްޑީސީއާއެކު ވެވުނު އެއްބަސްވުމުގެ އިތުރު ތަފްސީލެއް ދެ ކުންފުނިންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.