އިމިގްރޭޝަން

ޕާސްޕޯޓް ހަދަން ދުވާލަކު 800 އެޕްލިކޭޝަން، ވަގުތު އިތުރުކޮށްފި

ޕާސްޕޯޓް ހަދަން އެދި މިހާރު ދުވާލަކު 800 އެޕްލިކޭޝަން ލިބޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ ޕާސްޕޯޓްގެ ޑިމާންޑް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ބުނެ ހިދުމަތް ދޭ ވަގުތު އިތުރުކުރިކަން އަންގާ މިރޭ އާންމުކުރި ބަޔާނެއްގައެވެ. އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަދަދު އަންދާޒާ ކުރި ވަރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

އެ ގޮތުން ޕާސްޕޯޓް ހައްދަން އަދި ޕާސްޕޯޓް އާ ކުރަން ހުށައަޅާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ކުރީން އެވްރެޖްކޮށް ދުވާލަކު ހުށައަޅަނީ 200 އެޕްލިކޭޝަނެވެ. ނަމަވެސް ޕާސްޕޯޓް ހަދަން އެދި މިހާރު ދުވާލަކު 800 އެޕްލިކޭޝަން ލިބޭ ކަމަށެވެ.

މި ޑިމާންޑާ ގުޅިގެން ރޭގަނޑު ނުވައެއް ޖަހަންދެން އިމިގްރޭޝަންގެ މަަސައްކަތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

"އަދި ރައްޔިތުންނަށް ދޭ ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ ގޮތުން ޖޫން 14 ވަނަ ދުވަހުން ފެށިގެން މެންދުރު ފަހު ތިނެއް ޖެހުމާއި ހަމައަށް ޕާސްޕޯޓާއި ހަވާލުވާން ނަންބަރު ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ،" އިމްގްރޭޝަންގެ ބަޔާނުގައިވެއެވެ.