އެމްއެންޑީއެފް

އެމެރިކާގެ އަސްކަރިއްޔާ އިން ހިންގި ތަމްރީން ނިންމާލައިފި

Jun 16, 2022

ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިއުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ)އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މާލިން" ނިންމާލައިފި އެވެ.

ތަމްރީން ނިންމުމުގެ ގޮތުން ބަންޑާރަކޮށީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ. މި ރަސްމިއްޔާތުގައި ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޔޫއެސް ޕެސިވިކްގެ ޑެޕިއުޓީ ކޮމާންޑިން، މޭޖާ ޖެނެރަލް ކްރިސް ސްމިތު އެވެ.

މި ތަމްރީން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މެއި މަހުގެ 15 އިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަޒް -- ޅ. މާފިލާފުށީގަ އެވެ. މިއީ، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި "އެކްސަސައިޒް ބްލެކް މާލިން"ގެ ދެވަނަ ތަމްރީނު އެކްސަސައިޒެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި ގޮތުގައި އެކްސަސައިޒް ބްލެކް މާލިންއަކީ ޔޫއެސް – މޯލްޑިވްސް ޑިފެންސް އެންޑް ސެކިއުރިޓީ ކޯޕަރޭޝަންގެ ފެށުމެވެ. މީގެ އެއް އަހަރު ކުރިން ފެށިގެން ދިޔަ މި އެކްސަސައިޒް އެމްއެންޑީއެފްގެ މެރީންސްއަށް ހާއްސަ ކުރެވިފައިވީ ނަމަވެސް، މި އަހަރުގެ އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ މެރީންސް، ލޮޖިސްޓިކް ކޮމްޕޯނަންޓްސް، އީއޯޑީ ޓީމްސް، އަދި އިންޓެލިޖަންސްގައި އުޅޭ ސިފައިންނަށް އަމާޒުކޮށްގެންނެވެ.

މިރަސްމިއްޔާތުގައި ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް، މޭޖަ ޖެނެރަލް ކްރިސްޓޮފަ ސްމިތު ދެއްކެވި ވާހަކަފުޅުގައި ތަމްރީންގައި ހޭދަވި ހަފްތާތަކުގެ ތެރޭގައި ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ގާއިމުވެފައިވާ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ގުޅިގެން މަސައްކަތްކުރުމުން ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެންދާ ކަމުގައި ވިދާޅުވި އެވެ. ގުޅުން އެގޮތުގައި ދެމި އޮންނާނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ކެނޑިނޭޅި މަސައްކަތްކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

މިއަހަރުގެ ތަމްރީން އަމާޒުކުރި ދާއިރާތަކަކީ އިންފެންޓްރީ، މެޑިކަލް ކޮމްބެޓް، ލޮޖިސްޓިކްސް އަދި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) އެވެ. މިގޮތުން މި ތަމްރީނުތައް ކުރިއަށްދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްފައިވެ އެވެ. ތަމްރީންގައި އެމެރިކާ އަސްކަރިއްޔާގެ ފަރާތުން 25 ޓްރެއިނަރުން އަދި 70 ދިވެހި ސިފައިން ބައިވެރިވި އެވެ.

އެކްސަސައިޒް ބްލެކް މާލިން ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ ފެބުރުވަރީ 24 އިން މިދިޔަ އަހަރުގެ އޭޕްރީލް ފަސްވަނަ ދުވަހުގެ ނިޔަލަށް މާފިލާފުށީގައެވެ. ފުރަތަމަ ފަހަރު ބައިވެރިކުރީ 30 ދިވެހި ސިފައިންނެވެ. އަދި އެމެރިކާ އަސްކަރިއްޔާއިން 14 ޓްރެއިނަރުން ބައިވެރިވެފައިވެ އެވެ.

އެކްސަސައިޒް ބްލެކް މާލިން ތަމްރީނަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ ހިންގުމުގެ ގާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.