އެމްއެންޑީއެފް

އެމެރިކާ ސިފައިންނާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ފަށައިފި

އެމެރިކާގެ މޮންޓާނާ ނެޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަލިން"ގެ ހަތަރުވަނަ ތަމްރީންތައް މިއަދު ފަށައިފި އެވެ.

ތަމްރީންތައް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. މި ރަސްމިއްޔާތުގައި ހިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނެޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަ ޖެނެރަލް ޕީޓަ ރޮނެކް އާއި ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރު ހިއުގޯ ޔޮންއާވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިތަމްރީންތައް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ފެށި ތަމްރީންތަކުގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށް ގެންދާނެ އެވެ. މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ. ކައްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެހެން ހުރިހާ އެސްއެމްއީއީ ތަކެއް ކުރިއަށް ދާނީ މާލޭ ގައެވެ.

ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި އަހަރުގެ ތަމްރީންތަކުގެ ތެރެއިން "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް"ގެ ނަމުގައި އައު އެންޑީވައެއް އެމްއެންޑީއެފާއި އެމެރިކާގެ އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފަ އެވެ. މި އެންޑީވައާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިން ޕްރޮސެސްއާއި ޓްރެއިނިން މެނޭޖްމަންޓްގެ ކަންކަން ކުރިއަށް ވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.