އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މިމަހުގެ 11 ވަނަ ދުވަހު އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި އޭނާއަށް ރަމްޒޭ ހަންޓް ސިންޑްރޯމް ޖެހި މޫނުގެ އެއްފަޅި ވާގިނެތިފައިވާ ކަމަށް ބުނެފައި ވެއެވެ.
މި ބަލި ޖެހުނުކަން އިހްސާސްވިއިރު ބީބާ ތައްޔާރުވަމުން ދިޔައީ އެމެރިކާގެ އެކި ރަށްތަކުގައި ޝޯތަކެއް ބޭއްވުމަށެވެ.
ޖަސްޓިންގެ މޫނުގެ އެއްފަޅި ވާގިނެތިފައިވާކަން އިއުލާން ކުރުމާއެކު އޭނާގެ ފޭނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވާފަ އެވެ. އަދި ޝޯތައް ދިނުމަށްފަހު ސިއްހަތު މާމުހިއްމު ކަމަށާއި ރަނގަޅަށް ބޭސްފަރުވާކޮށް މުޅިން ރަނގަޅުވެގެން އައުމަށާއި އެކަމަށް ކިތަންމެ ވަގުތެއް ނެގިޔަސް މައްސަލައެއް ނެތްކަމަށް ފޭނުންގެ ކޮމެންޓުތަކުގައި ބުނެފައިވެ އެވެ.
މާޔޯ ކްލިނިކުން ބުނާ ގޮތުގައި ރަމްޒޭ ހަންޓް ސިންޑްރޯމް ޖެހެނީ ޝިންގްލްސް އައުޓްބްރޭކެއްގެ ނޭދެވޭ އަސަރު އެއް ކަންފަތާ ދިމާލުން މޫނާ ގުޅިފައިވާ ނާރަކަށް ކޮށްގެންނެވެ.
މޫނުގެ އެއްފަލި ވާގިނެތުމުގެ އިތުރުން ރަމްޒޭ ހަންޓް ސިންޑްރޯމް ޖެހޭ މީހުންގެ އެއް ކަންފަތް ބީރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ކްލިނިކުން އިންޓަނެޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތު ތަކެއްގައި ބުނެފައި ވެއެވެ.
މި ބަލި ދާއިމީ އެއްޗަކަށް ނުވެ ފަސޭހަ ކުރެވޭނީ ވަގުތުން އެކަށީގެންވާ ރަނގަޅު ފަރުވާއެއް ދެވިގެން ކަމަށްވެސް މާޔޯ ކްލިނިކުން ބުނެފައި ވެއެވެ.