ޖޭމްސް ކެމެރޮންގެ ފަހުގެ ފިލްމު "އެވޭޓާ" ބެލި ބައެއް މީހުންނަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވާކަމުގެ ޝަކުވާތައް ކުރަން ފަށައިފި އެވެ.
މި މައްސަލައަށް ދީފައިވާ ނަމަކީ "ޕޯސްޓް-އެވޭޓާ ޑިޕްރެޝަން ސިންޑްރޯމް" އެވެ.
ބްލޮކްބަސްޓާ ފިލްމުތަކުގެ ސިލްސިލާގެ ފުރަތަމަ ފިލްމު 2009 ގައި ރިލީޒްކުރުމުން ވެސް ބައެއް މީހުންނަށް ހަމަ މިފަދަ ޑިޕްރެޝަންގެ މައްސަލަތަކެއް ދިމާވިކަމުގެ ޝަކުވާތައް ލިބިފައި ވެއެވެ. އަދި ވަރަށް ފަހުން ރިލީޒްކުރި މީގެ ސީކުއަލް ބެލި ބައެއް މީހުންނަށް ވެސް ހަމަ މިމައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ފިލްމު ބަލާ މީހުންގެ ތެރެއިން ބައެއް މީހުން ކުއްލިއަކަށް ޑިޕްރެޝަންގެ ފުންވަޅުގަނޑަކަށް ވެއްޓެނީ ކީއްވެ ހެއްޔެވެ؟
"އެވޭޓާ"ގެ ދެވަނަ ބައި "އެވޭޓާ: ދަ ވޭ އޮފް ދަ ވޯޓާ" ރިލީޒްކުރިތާ ހަފުތާއެއް މިހާރު ވެއްޖެ އެވެ. މި ފިލްމަށް އެންމެ ހަތަރު ދުވަހުގެ ތެރޭގައި ބައި ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައި ވެއެވެ.
ޔަގީންވާ ކަމަކީ މި ފިލްމު ބެލި މީހުންގެ ހިތުގައި އެކި ކަހަލަ ޖަޒުބާތުތަކެއް އަށަގަނެފައިވާ ކަމެވެ. ސަބަބެއް ކަމަށް ބެލެވެނީ ތިން ގަޑިއެއްހާއިރު ވަންދެން އެމީހުން "ޕަންޑޯރާ" ކިޔާ ޚިޔާލީ ދުނިޔެއެއްގައި އުޅޭތީ އެވެ.
ފިލްމު ބަލާ މީހުންނަށް ކުރިމަތިވަމުންދާ ނަފްސާނީ މައްސަލަތަކާ ގުޅޭ ގޮތުން ސީއެންއެންއާ ވާހަކަ ދައްކަމުން އެމެރިކާގެ މަޝްހޫރު ސައިކޭޓްރިސްޓް ޑރ. ސްޓެފަން ކުއެންޓްޒެލް ވިދާޅުވީ ވާޗުއަލް ލައިފް އަކީ (ސްކްރީނުން ފެންނަ ހާދިސާ ތަކަކީ) ހަގީގަތެއް ނޫން ކަމަށާއި އެކަންކަމަކީ ދުވަހަކުވެސް ހަގީގަތަކަށް ވާނެ ކަންކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް މިޒަމާނުގައި ޓެކްނޮލޮޖީގެ މޮޅުކަމުން ވާޗުއަލް ލައިފް ވެސް ހަގީގީ ދިރިއުޅުމާ ވަރަށް އެއްގޮތަށް ދެއްކުމުގެ ގާބިލްކަން ލިބިފައިވާ ކަމަށާއި ފިލްމު ބަލާ މީހުންނަށް މިއީ ހަމަ ހަގީގީ ހާދިސާތަކެއް ކަމަށް ގަބޫލުކުރެވޭ ފެންވަރަށް ފިލްމު އުފެއްދުމުގެ ސަބަބުން ބައެއް މީހުންނަށް މާބޮޑަށް އަސަރު ކުރަނީ ކަމަށެވެ.
ސޯޝަލް މީޑީއާގައި އުފައްދާފައިވާ މި ފިލްމުގެ ފޯރަމްތަކުގައި ބައިވެރިވާ މީހުންގެ 10-20 ޕަސެންޓް މީހުންނަށް މި ފިލްމު ބަލާފައި ނަފްސާނީ އަސަރުތަކެއް ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. މިކަމަށް އޮތް ހައްލަކީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަންތައްތަކުން ދުނިޔެ ސަލާމަތްކުރަން އެމީހަކަށް ވެވުނު މަސައްކަތެއް ކުރުން ކަމަށް ކެނެޑާގެ އޮގަނައިޒޭޝަނެއް ކަމަށްވާ "އެންޝަންޓް ފޮރެސްޓް އެލަޔަންސް"ގެ ކޯ-ފައުންޑާ ކެން ވޫ ބުނެފައި ވެއެވެ.